Last Updated: June 6, 09:42
Saturday, June 6, 2026
ރިޕޯޓް

ޤުރުއާން ހިތުދަސް ކުރާނީ ކިހިނެއް؟

ކީރިތި ޤުރުއާން ހިތު ދަސްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމުގައި ވަރަށް ގިނަ މީހުންނަށް ވިސްނެ އެވެ.

އެހެންކަމުން އެކަމަށް ކުރިމަތިލާން ގިނަބަޔަކު ޖެހިލުން ވެއެވެ. ނަމަވެސް އެކަމަށް މަސައްކަތްކުރާ ކުޑަކުދިން ވެސް ދަސްކުރެ އެވެ. މިކަމުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިތޯ އެވެ؟ މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴿ القمر: ١٧﴾) “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭ ހެއްޔެވެ؟”

އެއްވެސް އުންމަތެއްގެ ރަސޫލާކަށް ބާވާލެއްވުނު ފޮތެއް އެ އުންމަތުގެ އެއްވެސް ބަޔަކަށް ދަސްވެފައި ނެތެވެ. ކީރިތި ޤުރުއާން ހިތުން ދަސްކުރުމަކީ މުޙައްމަދުގެފާނުގެ އުންމަތުގެ މީހުންނަށް ދެއްވާފައިވާ ޚާއްޞަ ސިފައެކެވެ. މަތިވެރި ނިޢުމަތެކެވެ. އަދި އެއީ ޤުރުއާނާ ޢަދާވާތްތެރި މީހުން ގިނަ ކަމުން އެ ޤުރުއާން ރައްކާތެރިކުރެއްވުމަށް ﷲ ކަނޑައެޅުއްވި ގޮތްތަކުންކުރެ ގޮތެކެވެ. މި އުންމަތުގެ މީހުންގެ ފޮތްތައް އަންދާލިޔަސް، ހިތްތަކުގައި ޤުރުއާން ލިޔެވިފައިވެ އެވެ.

ޤުރުއާން ހިތުން ދަސްކުރުމަށް ފަށާއިރު އުނދަގޫ ވެދާނެ އެވެ. މަހެއް ދެ މަހެއް ނުވަތަ ގިނަ ވެގެން ތިން މަސް އެވެ. އެއަށް ފަހު ދަސްކުރުން ފަސޭހަވެގެންދާނީ އަޖައިބެއް ފަދައިނެވެ. ބައެއް ފަހަރު އުނދަގޫ ވަނީ އުޅޭ މާޙައުލާއި ބުރަ މަސައްކަތާއި އެ ނޫން ވެސް ދިރިއުޅުމާ ގުޅޭ ކަންކަން ސިކުނޑީގައި ހަރުލައިފައި ހުރުމުގެ ސަބަބުން ޤުރުއާނުގެ ތެރެއަށް ވަންނަ އުނދަގޫވާތީ އެވެ.

ދަސްކުރުމަށް ފަށައިގެން މަޑު މަޑުން މަދު މަދުން ދަސްކުރަމުން ގޮސް ދެ ތިން މަސް ތެރޭ ފަސޭހަވެގެން ދާނެ އެވެ. އެއިގެ ތެރެއަށް ރަނގަޅަށް ވަދެވުމުންނެވެ. ކާރެއް ނުވަތަ ސައިކަލެއް ދުއްވަން ދަސްކުރާ އިރު ވެސް ފުރަތަމަ އުނދަގޫވެ އެވެ. ނަމަވެސް ފަހުން ފަސޭހަވެގެން ދެއެވެ. ޤުރުއާން ވެސް ދަސްކުރަން ފަށާއިރު އުނގަދޫ ގޮތެއް ހުންނާނެއެވެ. ޚާއްޞަކޮށް ޢަޖަމީންނަށެވެ. ޢަރަބި ބަސް ނޭނގޭ މީހުންނަށެވެ. ނަމަވެސް ފަހުން ފަސޭހަވެ އެވެ.

އެއަށް ފަހު ގިނަ ކޮށް ވެސް ދަސްކުރެވޭނެ އެވެ. އަވަހަށް ވެސް ދަސްކުރެވޭނެ އެވެ. އަޅުގަނޑުމެން ދަސްކުރަން ފެށި އިރު އެއް ދުވަހުން ވެސް ތަންކޮޅެއް ވެސް ދަސްނުވެ އެވެ. ވަރަށް ބޮޑު ޖިހާދެއް ކުރަން ޖެހުނެވެ. ނަމަވެސް ދެ ތިން މަސް ފަހުން ވަރަށް ފަސޭހަ ވެގެން ދިޔައެވެ. އަދި ވިހި ވަނަ ފޮތާ ހަމައިން ދެން އާދަޔާ ޚިލާފު އަވަސް މިނެއްގައި ދަސްވާން ފެށި އެވެ.

އަޅުގަނޑުގެ ޙިފުޒު ކުލާހުގެ އުސްތާޛު ވިދާޅުވި ގޮތުން އަލްއަންޢާމް، ޔޫނުސް، ނިސާ، އައްރަޙުމާން، އަލްޤަމަރު، މުރްސަލާތު މި ސޫރަތްތައް ދަސްވެއްޖެ ނަމަ ޤުރުއާން އެކީގައި ދަސްކުރަން ފަސޭހަވެގެން ދާނެ އެވެ. އެއީ އުނދަގޫ ސޫރަތްތަކެއް ވީމައެވެ.
ދެވަނަ ކަމަކަށް ދަސްކުރަން ކިޔަވާއިރު، ދަސްކުރާ ތަން ބަލަހައްޓައިގެން އިނދެ ކިޔަވައި، ތިމާ އަށް އަޑުއިވޭ ވަރަށް އަޑު ހަރުކޮށް ބާރަށް ކިޔަވައި، ސިކުނޑި ޙާޒިރުކޮށްގެން ކިޔެވުމުން އަވަހަށް ދަސްވާނެ އެވެ. އޭރުން ކަންފަތާއި ލޮލާއި ސިކުނޑި އެ ކަމުގައި އެބައިވެރިވަނީ އެވެ. މި ގޮތަށް ދަސްކޮށްފި ނަމަ ގިނަ ދުވަހު ހިތުގައި ހަރުލައިފައި ހުންނާނެ އެވެ. އަދި ދަސްކުރާ ބައި ނަމާދުގައި، ތަރީވީޙުގައި، ދަނު ނަމާދުގައި ކިޔަވާ ނަމަ ގިނަ ދުވަހު ހިތުގައި ހުންނާނެ އެވެ.

ދަސްކުރަން އެންމެ ރަނގަޅު ވަގުތުތަކަކީ ފަތިސް ނަމާދުގެ ކުރިންނާއި ފަހުންނާއި ހެނދުނުގެ ވަގުތެވެ. މުރާޖިޢާ އަށް އެންމެ ރަނގަޅު ވަގުތުތަކަކީ ޢަޞްރުގެ ފަހުންނާއި މަޣުރިބު ފަހުންނެވެ. މިއީ އުސްތާޛުން ވިދާޅުވާ ވާހަކަފުޅެކެވެ. މިހެން މިކަން އޮތަސް އެކި މީހުންނަށް ރަނގަޅުވާނީ އެކި ވަގުތެވެ. ޚާއްޞަކޮށް މަސައްކަތް ހުންނަ ގޮތުން ވަގުތުތައް އިންތިޒާމު ކުރެވިދާނެއެވެ.
ދަސްކުރުމުގެ ބާރު ދަށް މީހުން ކުރަންވީ ކަމަކީ ކޮންމެ ރެޔަކު ނިދުމުގެ ކުރިންނާއި ނިދިން ހޭލައި މާމުއި ބޭނުން ކުރާނީ އެވެ. އަދި ބަދަނާއި ހިކި މޭބިސްކަދުރު ފަދަ ތަކެތި ބޭނުން ކުރާނީ އެވެ.

އެއީ ޙިފުޒު ކްލާހުގެ އުސްތާޛު ވިދާޅުވި ގޮތުން ބުއްދީގައި ވަރު ޖައްސައި ދަސްކުރުމުގެ ބާރު ގަދަކޮށްދޭ އެއްޗެކެވެ. އަދި ޒަމްޒަމް ފެނާއި ކަޅުދިރި އަކީ ވެސް މިކަމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

މި ހުރިހާ ކަމަކަށް ވުރެ، ދަސްކުރަމުން އަންނަ އިރު، ފަސް ނަމާދު ކުރުންމަތީ ދެމި ހުރުމާއި ﷲ އަށް ދުޢާ ކުރުމަކީ އެންމެ މުހިންމު ކަމެވެ. އެއިރުން ﷲ އެކަމުގައި ބަރަކާތް ލައްވާނެއެވެ.

ނޯޓް: މިއީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ލިޔުއްވުމެކެވެ.