Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

އަތޮޅު ކައުންސިލްތައް އުވާލާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

އަތޮޅު ކައުންސިލްތައް އުވާލަން ނިންމާފައިވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ބ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކާ ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބ. އަތޮޅު ކައުންސިލުގެ ބައްދަލުވުމުގައި ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކާ ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާތީވެ، އެ މަސައްކަތް މަޖިލީހުން ހުއްޓާލުމަށް ގޮވާލާ ބަޔާނެއް ނެރުމަށާއި، އަދި މި ދުސްތޫރީ މައްސަލަ އަތޮޅު ކައުންސިލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.

އަދި އެހެން އަތޮޅުތަކަށް ބ. އަތޮޅު ކައުންސިލުން ދައުވަތު ދީގެން އިހުތިޖާޖު ކުރުމުގެ ހަރަކާތެއް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ނިންމާފަ އެވެ.

އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަތިވެރި ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން ކަމަށާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ދެން ފެށުމުން އެކަމާ ގުޅޭ ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު، އަތޮޅު ކައުންސިލެއް ހޮވަން ވޯޓެއްލާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެ ކަމަށާއި އެގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ސީދާ ދެން މަސައްކަތް ކުރާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލް ކަމަށެވެ. މިކަން ކުރުމަށް އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުން ބާރުވެރިކުރުވަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރަށް ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާ ގުޅޭ ބިލުވެސް މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.