Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

އަންހެނުންގެ ދުޅަހެޔޮކަމާ ގުޅޭ ކަންކަމަށް ލަސްނުކޮށް ފަރުވާދޭންޖެހޭ

އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ދިރާސާ ކޮށް ލަސްނުވެ ފަރުވާދޭން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޮބްސްޓެޓްރީޝަންސް އެންޑް ގައިނަކޮލޮޖިސްޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ބޭއްވި ސިލްސިލާ މަސައްކަތު ބައްދަލުވުމުގެ ތިންވަނަ އެޕިސޯޑު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ފަރުވާދިނުމުގައި ހުރި ފުރުސަތުތަކާއި ބަލި ދެނެގަތުމުގެ އުކުޅުތަކާއި އެންމެ ފަހުގެ ދިރާސާތަކާމެދު ހޭލުންތެރިވުމަކީ ފަންނީ ބޭފުޅުންގެ މައްޗަށް އޮތް އިހުތިޔާރެއް ނޫންކަމަށާއި އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެންޑޯމެޓްރިއޯސިސް ބަލި ތަހައްމަލުކުރަމުންދާ އަންހެނުންގެ ވިލުންތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްލާ ސާޖިދާ ވިދާޅުވީ އެފަދަ އަންހެނުން ގެވެށި ޒިންމާތައް އަދާކުރަމުންދަނީ އިންތިހާ ވޭން ތަހައްމަލުކުރަމުންކަމަށާއި، މި ބަލީގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ.

އަދި މިފަދަ ބަލިތައް ދުރާލާ ދެނެގަނެ ފަރުވާ ދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސާޖިދާ ވިދާޅުވީ އެންޑޯމެޓްރިއޯސިސް އާއި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމަށް ދޭ ފަރުވާ އާސަންދައިގައި ހިމެނުމަކީ ހަމަހަމަގޮތެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ.

މީގެއިތުރުން ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލާ މައްސަރުކަންތަކާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވަމުން ސާޖިދާ ވިދާޅުވީ އަންހެނުންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އަޑުއުފުލުމުގައި ސާބިތުވެ ތިބެން ޖެހޭ ކަމަށާއި އެކަށީގެންވާ މައުލޫމާތު ތަކާއި ހޭލުންތެރިކުރުވުމުގެ ކަންކަން ކުރަން ޖެހޭ ކަމަށެވެ.