ސަރުކާރާ ދެކޮޅަށް އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް ފެށުމަށް ނިންމައި، އެ ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ އަށް އެ ޕާޓީގެ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ހުށަހެޅި ގަރާރުގައި ބުނެފައިވަނީ މި ސަރުކާރުން ކުރަމުންދާ ވައްކަންތަކާއި، ކޮރަޕްޝަނާއި ފަސާދަ އާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރަސްއެޅުމާއި، އަދުލު އިންސާފަށް އަތް ބޭނުމާއި ރައްޔިތުންގެ އާންމު ހާލަތު ދަށްވުމާއި އަދި މި ކަންކަމުގެ މައުލޫމާތު ފެތުރުމަށް އޮތް މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވަންޖެހޭ ކަމަށެވެ.
އެގޮތުން އަންނަ މަހުގެ ތިންވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބު ވަންދެން އިހުތިޖާޖުތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ވެސް ގަރާރުގައިވެ އެވެ.
މި ގަރާރަށް ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ އިސް ލީޑަރުން ތާއީދުކުރެއްވިއިރު، މި ގަރާރު މިރޭ ގައުމީ މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
އެމްޑީޕީން މިއަހަރުގެ ކުރީކޮޅު ވަނީ "ގާނޫނުއަސާސީގެ ދިފާއު" ގައި މާލޭގައި ބޮޑު އެއްވުމެއް ވެސް ބާއްވާފަ އެވެ.