ސަރުކާރުން އުޅެނީ ނޫސްވެރިކަން މަރާލަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ބިލެއް މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެ ކޮމިޓީން ވަނީ މި ބިލުގެ މަސައްކަތް މި މަހުގެ 15 ގެ ކުރިން ނިންމުމަށް ފާސްކޮށްފަ އެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ސޯލިހު ވިދާޅުވީ މިއަދު ކުރިމަތީގައި އޮތް އެންމެ ބިރުވެރި އެއް ކަމަކީ ނޫސްވެރިކަން ނައްތާލުމަށްޓަކާ ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލު ކަމަށާއި އެ ބިލުގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލް ދަށަށް މުޅި ނޫސްވެރިކަން ގެނައުމާއި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ހޯދުން ކަމަށެވެ.
ނޫސްވެރިކަމަކީ ޑިމޮކްރެސީއެއްގައި އޮތް އެންމެ މިނިވަން ބާރު ކަމަށާއި ނަމަވެސް ސަރުކާރުން މިއަދު މަސައްކަތް ކުރަނީ ނޫސްވެރިކަން މަރާލަން ކަމަށް ސޯލިހު ވިދާޅުވި އެވެ. އެމްޑީޕީން މިއަދު އެކަންކަން ހުއްޓުވަން ނިކުންނަންޖެހޭ ކަމަށާއި އަދި އެ ބިލު އަނބުރާ ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސޯލިހު އިލްތިމާސްކުރެއްވި އެވެ.
"އެއީ އިސްލާހު ކުރެވޭނެ ބިލެއް ނޫން. އެޔަކު އިސްލާހުކޮށްގެން ބޭނުން ހިފޭނެ ހަމަ އެންމެ ތަންކޮޅެއް ވެސް ނެތް،" ސޯލިހު ވިދާޅުވި އެވެ.
ނޫސްވެރިންނަކީ ހަމައެކަނި ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން ކަމަށާއި އެއީ ދައުލަތުގެ ތިން ބާރުވެސް ޖަވާބުދާރީ ކުރުވާ ބައެއް ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި ސަރުކާރުން އެ ހުރިހާ ބާރެއް މުށުތެރެއަށްލުމަށްފަހު މިހާރު މަސައްކަތް ކުރަނީ އެ ބާރުތައް ޖަވާބުދާރީކުރުވަން އޮތް ހަމައެކަނި ބާރު ނައްތާލަން ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލު ބޭރުކުރަން ރާއްޖޭގެ މީޑިއާތަކުންނާއި ބޭރުގެ އެކި ޖަމިއްޔާތަކުން ވެސް އަންނަނީ ގޮވާލަމުންނެވެ.