އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ރޭ ޓްރާންސްފާ މާކެޓް ބަންދުވެފައިވާއިރު މި ފަހަރު ލީގުގައި ވާދަކުރާ 20 ކްލަބުން ކުރި ހަރަދު 3 ބިލިއަން ޕައުންޑަށް އަރައިފި އެވެ.
މިއީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ޕްރިމިއާ ލީގުގެ ކްލަބްތަކުން ހޭދަކުރި އަދަދަށް ވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ. އެ ފަހަރު ކްލަބްތަކުން ކުރި ހަރަދު އުޅެނީ 1.9 ބިލިއަން ޕައުންޑްގަ އެވެ. މިފަހަރު އެ އަދަދު ވަނީ 3.1 ބިލިއަން ޕައުންޑަށް އަރައިފަ އެވެ.
މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑު ހޭދައެއް ކުރީ ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް އެވެ. އެ ކްލަބުން ވަނީ 415 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. މި ޓްރާންސްފާ މާކެޓުގައި ލިވަޕޫލުން ވަނީ އިނގިރޭސި ލީގުގެ ޓްރާންސްފާ ރެކޯޑު ދެ ފަހަރެއްގެ މަތިން މުގުރާލައިފަ އެވެ.
ލިވަޕޫލުން ރެކޯޑު އަގެއްގައި ޓްރާންސްފާ މާކެޓުގައި ފުރަތަމަ ގެނައީ ބަޔާ ލެވަކޫސަން އަށް ކުޅެމުން އައި ޖަރުމަނުގެ މިޑްފީލްޑަރު، ފްލޮރިއަން ވާޓްޒް އެވެ، ވާޓްޒް ލިވަޕޫލަށް ބަދަލުވީ 116 މިލިއަން ޕައުންޑަށެވެ. އޭގެފަހުން ލިވަޕޫލުން ވަނީ 125 މިލިއަން ޕައުންޑަށް، ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އައި ސްވިޑެންގެ ފޯވާޑް، އެލެކްސެންޑާ އިސާކް ގެނެސްފަ އެވެ.
ޓްރާންސްފާ މާކެޓުގައި ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރީ ޗެލްސީންނެވެ. އެގޮތުން ޗެލްސީން 285 މިލިއަން ޕައުންޑް ހޭދަކުރިއިރު، އާސެނަލުން ވަނީ 255 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. މި ފަހަރު ލީގަށް އަލުން އައި ސަންޑަލޭންޑުން ވަނީ 162 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.
އެންމެ މަދުން ހަރަދުކުރީ ފުލަމް އެވެ. އެ ކްލަބުން ހަރަދުކުރީ 35 މިލިއަން ޕައުންޑެވެ.