އައްޑޫ ހިތަދޫގެ ޓެކްސީ ޑްރައިވަރުންނަށް ހާއްސަކޮށްގެން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
މިދިޔަ މަހުގެ 31 ގައި އެ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެންނެވެ
ހިތަދޫން 20 ޓެކްސީ ޑްރައިވަރުން ބައިވެރިވި ސެޝަނުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ޓެކްސީ ދުއްވާ އިރު ސަމާލުކަން ދޭން ޖެހޭ ކަންކަމާއި، ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ދީފައިވެ އެވެ.
މިއީ ރާއްޖޭގެ ރަށްރަށުގެ ރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް ސަލާމަތްތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުން ކުރިއަށް ގެންދާ “ރައްކާ” ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. ޓެކްސީ ޑްރައިވަރުންނަކީ ގިނަ ވަގުތު މަގުމަތީގައި އުޅެން ޖެހޭ ބައެއް ކަމުން، އެފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމު މައުލޫމާތު ފޯރުކޮށް ދިނުމަކީ މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
މި ޝެޝަނުގައި ބައިވެރިވި ޑްރައިވަރުން ވެސް ވަނީ މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަން ފާހަގަކޮށް އަދި މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި މިފަދަ ތަމްރީނުތައް ގިނައިން ބޭއްވުމަށް އެދިފަ އެވެ.
މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
އައްޑު އަކީ ރާއްޖޭގައި އެންމެ އެކްސިޑެންޓްތައް ގިނަ އެއް ސަރަހައްދެވެ.