Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ދިއްދޫ އިސްލާމީ މަރުކަޒުގެ 99 ޕަސެންޓް ނިމިއްޖެ

ހއ. ދިއްދޫގެ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ 99 ޕަސެންޓް މިހާރު ނިމިފައިވާތީ އަންނަ މަހުގެ 15 އަށް އެތަނުގެ ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ދިއްދޫ ހިއްކި ބިމުގައި މީހުން އަލަށް އާބާދުވަމުން އަންނަ ސަރަހައްދުގައި އިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށް ދަނީ އެތަނަށް ފަރުނީޗާއި އައިޓީ އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތް ކަމަށެވެ.

ދިއްދޫ އިސްލާމީ މަރުކަޒަކީ އިސްލާމިކް ލައިވްރަރީއަކާއި މަލްޓި ޕާޕަސް ހޯލަކާއި، 30 މީހުންގެ ޖާގައިގެ ހަތަރު ކްލާސްރޫމް ދެ ސެމިނާ ރޫމްގެ އިތުރުން އޮފީސް ޖާގައެއް ވެސް ހިމެނޭ ގޮތަށް އިމާރާތްކޮށްފައިވާ 1،500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ 50 މިލިއަން ރުފިޔާއަށެވެ.

ދިއްދޫ އިސްލާމީ މަރުކަޒު ނިމެން ގާތްވަމުން އަންނަ އިރު، އައްޑޫގައި ވެސް އަންނަނީ އިސްލާމީ މަރުކަޒެއް އިމާރާތް ކުރަމުންނެވެ.