ކުންފުނީގެ މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބޭއްވި މައްސަލައަކާ ގުޅިިގެން ނެސްލޭ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ލޯރަންޓް ފްރީޒީ މަގާމުން ވަކިކޮށްފި އެެވެ.
ނެސްލޭ ކޮފީ އާއި ކިޓްކެޓް ޗޮކްލެޓް ފަދަ މަގުބޫލު އެތައް އުފެއްދުމެއް ގެނެސްދޭ ކުންފުނީގެ ވެރިޔާ އެ މަގާމުން ވަކިކުރީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ. ނެސްލޭގެ ސީއީއޯގެ މަގާމަށް ފްރާންސްގެ ފެރިހަށް އިފަން ލޯރަންޓް، 63، އައްޔަންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އޭނަ މަގާމުން އެއްބަސްވުމާ ހިލާފަށް ކުންފުނީގެ މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބާއްވައި އެކަން ސިއްރުކޮށްގެން އުޅުއްވަނިކޮށް ފަޅާއެރުމާ ގުޅިގެންނެވެ.
ނެސްލޭ އިން ނެރުނު ބަޔާނެއްގައި ބުނީ ލޯރަންޓް މަގާމުން ވަކިކުރީ ނެސްލޭގެ ޗެއާ ޕޯލް ބަލްކީ އާއި ކުންފުނީގެ ބޯޑުގައި އާންމުންގެ ފަރާތުން ހިއްސާވާ ޑިރެކްޓަރު ޕަބްލޯ އިޒްލާ އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދެވި ތަހުގީގަކަށް ފަހު ކަމަށެވެ.
ޕޯލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ލޯރެންޓް މަގާމުން ވަކިކުރުމަކީ ކުންފުނީގެ އުސޫލުތަކާއި ހަމަތައް ދެމަހެއްޓުމަށްޓަކައި ކޮންމެހެން ވެސް އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ.
"ނެސްލޭ އަކީ އަބަަދު ވެސް ކުންފުނީގެ އުސޫލުތަކާއި އަގު ދަމަހައްޓާނެ ކުންފުންޏެއް." ޗެއާ ވިދާޅުވި އެވެ.
އޭނަ ވަނީ ލޯރަންޓް ނެސްލޭގައި ހޭދަކުރެއްވި މުއްދަތުގައި ކޮށް ދެއްވި ހިދުމަތްތަކަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. ނެސްލޭ އިން ލޯރަންޓް ވަކިކުރި އިރު، އެ ކުންފުނީގައި އޭނަ މަސައްކަތްކުރައްވާތާ 40 އަހަރެއްހާ ދުވަސްވެއްޖެ އެވެ.
ނެސްލޭގެ މުވައްޒަފަކާ ލޯރަންޓް ލޯބީގެ ގުޅުމެއް ބޭއްވި މައްސަލަ ފަޅާއަރައި އެކަމާ ގުޅޭ އެތެރޭގެ ތަހުގީގެއް އެ ކުންފުނިން ފެށީ މި އަހަރުގެ ކުރީކޮޅު އެވެ.
ސީއީއޯގެ މަގާމުން އޭނަ ވަކިކޮށް އެ މަގާމަށް މިހާރު ވަނީ ފިލިޕް ނަވަރަތިލް އައްޔަންކޮށްފަ އެވެ. އޭނަ އަކީ 2001 ގައި އެ ކުންފުންޏާ ގުޅިވަޑައިގަތް ބޭފުޅެކެވެ.
ކުންފުނީގެ މުވައްޒަފުންތަކަކާ ރައްޓެހިވި މައްސަލަތަކެއްގައި މީގެ ކުރިން ވެސް މަޝްހޫރު ބޮޑެތި ބައެެއް ކުންފުނިތަކުގެ ވެރިން މަގާމުތަކުން ވަކިކޮށްފައިވެ އެވެ. އޭގެ ތެރޭގައި މެކްޑޮނަލްޑްސް އިން 2019 ގައި ވަކިކުރި ސްޓީވް އީސްޓަބްރޫކާއި ބީޕީގެ ކުރީގެ ޗީފް އެގްޒެކެޓިވް ބާނާޑޫ ލޫނީ ހިމެނެ އެވެ.