Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ބައެއް ސަރަހައްދުތަކުން ފުލުހުންގެ ހިދުމަތް ތަފާތުވެއްޖެ

ރާއްޖޭގެ އެ ހިސާބުތަކުގައި މަސައްކަތްކުރާ ފުލުހުންނަށް ގާއިމުކޮށް ދެމުން އަންނަ ވަސީލަތްތަކާ އެކު، ބައެއް ސަރަހައްދުތަކުން ފުލުހުންގެ ޚިދުމަތުން މިހާރު ތަފާތު ފެންނަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތް 2004 ގައި މަދަނީ ހިދުމަތަކަށް ބަލުވެ، އެކަމާ ގުޅިގެން ސެޕްޓެމްބަރު 1 ގައި ފާހަގަ ކުރަމުން އަންނަ ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ޖަލްސާގައި މިނިސްޓަރު އިއްޔެ ވިދާޅުވީ ފުލުހުންނަށް ބޭނުން ވަނީ ހަމައެކަނި ފެސިލިޓީތަކެއް ނޫން ކަމަށާއި ބޭނުން ވަނީ އެ ފެސިލިޓީތަކުގެ ތެރެއިން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ތަފާތުވެގެން ވެސް ދިޔުން ކަމަށެވެ.

"ފެސިލިޓީތަކެއް ޤާއިމްވިޔަސް އަޅުގަނޑުމެންނަކަށް ފުރިހަމައެއްނު ވާނެ އެ ފެސިލިޓީ ބޭނުންކޮށްގެން ފުލުހުންގެ ފަރާތުން އާންމު ރައްޔިތުންނަށް ދޭ ޚިދުމަތް މިހާރު ރަނގަޅުވެއްޖެކަން އެ މުޖުތަމައެއްގައި ދިރިއުޅޭ ރައްޔިތުން ގަބޫލު ނުކުރާހާ ހިނދަކު،" އިިހްސާން ވިދާލުވި އެވެ. "އެހެންކަމުން ކޮންމެ ފުލުހެއްގެ ޒިންމާއަކަށް ވާންވާނެ ރައްޔިތުންނަށް ދެވޭ ޚިދުމަތަކީ އެންމެ ފުރިހަމަ ޚިދުމަތެއްތޯ ކަށަވަރުކުރުން. އުފަލާ އެކީ މިއަދު ފާހަގަކުރާނަން ބައެއް ސަރަހައްދުތަކުން ފުލުހުންގެ ޚިދުމަތް ތަފާތުވެއްޖެކަން އަދި ރަނގަޅުވެއްޖެކަމުގެ ވާހަކަ ބައެއް ދިމަދިމާތަކުން ދައްކާކަން."

އޭނަ ވިދާޅުވީ ހެޔޮ ބަދަލުތަކެއް ފެންނަމުން ދިޔަ ނަމަވެސް ބައެއް ދިމަދިމާތަކުން ރަނގަޅު ކުރަން ހުންނަ ކަންކަމުގެ ވާހަކަ ގިނަ ބަޔަކު ދައްކަމުން އަންނަ ކަމަށެވެ.

"މީގެ މާނައަކީ ތިބޭފުޅުން ރަނގަޅު މިސްރާބަކަށް މަސައްކަތް އެބަ ކުރެއޭ." މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި ހިނގަމުންދާ ކުށްތައް ނައްތާލުމާއި އަދި އެކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން މުޖުތަމަޢު އެއްބައިވަންތަކޮށް ޤައުމެއްގެ ގޮތުގައި އޮންނަ އޮތުން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަކީ މިއަދު ފުލުހުންނަށް ކުރެވިދާނެ ކަމެއް ކަމަށެވެ.

"ދިވެހިން އޭގެ ޒާތުގައި އެއްބައެއްގެ ގޮތުގައި ތިބުމުގަ ވަރަށް ގިނަ ހުރަސްތަކެއް ކުރިމަތިކުރުވާ މުޖުތަމަޢުގެ ތެރޭގައި. އޭގެ ތެރޭގައި ސިޔާސީ ފިކުރުތައް ތަފާތުވުމާއި، އެކި ރަށްރަށުގަ އޮންނަ ވާދަވެރިކަމާއި، ތަޢުލީމީ ގޮތުންނާއި މުއްސަނދި ކަމާއި މިހުރިހާ ކަމެއް މި އަންނަނީ އެއްބައެއްގެ ގޮތުގައި ތިބުމަށް އަންނަ ހުރަސްތަކެއް،" އޭނަ ވިދާޅުވި އެވެ. "މިކަންކަމަށް އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުންނަށް ޚާއްސަ އިސްކަމެއް ދީގެން އިންޓަވެންޝަންތަކެއް ހެދިދާނެ."

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަކީ ފުލުހުންގެ އަސާސީ މަގުސަދަކަށްވާ އިރު، ކުށުގެ ވެށްޓަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެގޮތަށް ޚިދުމަތް ބައްޓަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ބަދަލުވަމުން އަންނަ ދުނިޔޭގައި މިހާރު އެންމެ އާންމު ކުށްކުށުގެ ތެރޭގައި ހިމެނޭ ސައިބަ ކްރައިމް މަދުކޮށް، އެފަދަ ކުށްކުށް ހުއްޓުވުމަށްޓަކައި ވަޞީލަތްތައް ޤާއިމުކޮށް، ތަމްރީނު ވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދީ، ބިނާރުތައް ޤާއިމުކޮށް، ފުލުހުން ތަމްރީނު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެކަމަކު ވަސީލަތްތައް ލިބެންދެން މަޑުނުކޮށް، ކުރިއެރުމަށް އަމިއްލަ އަށް އިސްނަގައިގެން ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވި އެވެ.