Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އައްޑޫ ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށްފި

އައްޑޫ ސިޓީ ކައުންސިލުން ދެމުން އަންނަ ހިދުމަތްތައް ވަން.ގަވް މެދުވެރިކޮށް ދިނުން މިއަދު އިފުތިތާހުކޮށްފި އެވެ،

އެކަން އިފުތިތާހުކުރީ ކައުންސިލް އިދާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެގޮތުން ވަން.ގަވް މެދުވެރިކޮށް، އައްޑޫ ކައުންސިލްގެ ހިދުމަތްތައް ދިނުން ލޯންޗްކޮށް ދެއްވީ ޓްރޭޑް ނެޓްގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރާއި މޭޔަރު އަލީ ނިޒާރެވެ.

އެ ރަސްމިއްޔާތުގައި ސައީދާ ވިދާޅުވީ ރާއްޖޭ ޑިޖިޓަލް ބަދަލަކާ ދިމާއަށް ކުރިއަށް ގެންދަން ސަރުކާރުން ފަށާފައި އޮތް އިނިޝިއޭޓިވް "މޯލްޑިވްސް 2.0" ގެ ތެރެއިން އެންމެ ފުރަތަމަ ވަން.ގަވް އާއިލާގެ ތެރެއަށް ހިދުމަތްތައް ބަދަލުވެން ދަނީ އައްޑޫ ކައުންސިލްގެ ހިދުމަތްތައް ކަމަށެވެ.

އެހެންވެ މިއީ ވަރަށް ވެސް އުފާވާ ކަމެއް ކަމަށް ސައީދާ ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް އެންމެ އުފާވާ ކަމަކީ މާލެ ސަރަހައްދު ފިޔަވައި ދެން ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ މި ޑިޖިޓަލް ވިއުގައާ ގުޅައިލެވި މި ސިޓީގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ވަން.ގަވްގެ ތެރެއިން ހިދުމަތް ލިބޭނެ އިންތިޒާމު ފަހިވުން ކަމަށް ވިދާޅުވި އެވެ.

ސައީދާ ވިދާޅުވި ގޮތުގައި ވަން.ގަވްގެ ތެރެއަށް އައްޑޫ ސިޓީގެ ހިދުމަތްތައް ވަދެގެން ދިޔަ އިރު، އެ ޕްލެޓްފޯމް ފަރުމާކުރުމުގައި އައްޑޫގެ ޒުވާންތަކެއްގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި އެއީ ޓްރޭޑްނެޓަށް ވަރަށް ހާއްސަ ކަމެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޭޔަރު ނިޒާރު ވިދާޅުވީ މިއަދު ތައާރަފުވެގެން މި ދިޔައީ އޭނަ ކައުންސިލަށް ވަޑައިގެންނެވި އިރު، ވަރަށް އުންމީދު ކުރެއްވި ކަމެއް ކަމަށެވެ. އެހެންވެ ކައުންސިލްގެ ހިދުމަތްތައް ޑިޖިޓައިލައިޒްވެ، ރައްޔިތުންނަށް މިހާރު ވަރަށް ފަސޭހަކަމާ އެކު ހިދުމަތްތައް ހޯދޭނެ ގޮތްވެގެން ދިއުމަކީ ވަރަށް ވެސް ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.