Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ހުޅުމާލެ ފޭސް ދޭއްގައި އިތުރު 2 މިސްކިތް އަޅަނީ

ހުޅުމާލޭގެ ފޭސް ދޭއްގައި އިތުރު ދެ މިސްކިތެއް އެޅުމަަށް ބިން ހަވާލުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީއާ ދެމެދު މިއަދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

ހުޅުމާލެ ލޮޓް ނަމްބަރު 22221 ގައި އަޅުމަށް ހަމަޖެހިފައިވާ މިސްކިތަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 27،920 އަކަފޫޓެވެ. އަދި ހުޅުމާލެ ލޮޓް ނަމްބަރު 22242 ގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތަކީ ވެސް 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތުގެ ބިމުގެ ސައިޒަކީ 20،720 އަކަފޫޓެވެ.

ނަމަވެސް މި މިސްކިތްތަކަކީ ސަރުކާރުގެ ހަރަދުގައި ނުވަތަ އަމިއްލަ ފަރާތްތަކުން އިމާރާތް ކުރާނެ މިސްކިތްތަކެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން މާލެ ސަރަހައްދުގައި ގިނަ މިސްކިތްތަކެއްގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރެވެމުންނެވެ.