Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޗައިނާއާ އެކު 11 އެއްބަސްވުމެއްގައި ސޮއިކޮށްފި

ޗައިނާއާ އެކު ރާއްޖެ އިން އެކިދާއިރާތަކުން އިތުރު 11 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ ޗައިނާގެ ބެއިޖިންގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ މަގުސަދުގައި މުހިންމު 11 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު، އޭގެ ތެރޭގައި އިގްތިސާދީ ތަރައްގީ އާއި އުމުރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ އެއްބަސްވުންތަކެއް ވެސް ހިމެނޭ ކަމަށެވެ.

މި އެއްބަސްވުންތަކަކީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމާ އެކު، ދެމެހެއްޓެނިވި ތަރައްގީއަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއިން ގާތް ގުޅުމެއް ބާއްވަމުން އަންނަ ޗައިނާއެކު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި މި ވަނީ އެ ގައުމުގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން އަންނަ ދަތުރުގެ ތެރެއިންނެވެ.