Last Updated: July 8, 19:39
Wednesday, July 8, 2026
ޚަބަރު

ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕް ކުރާނެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވަން ހުއްދަ ދޭން ސްޕޯޓްސް މިނިސްޓްރީން ނިންމައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީން މިކަން ހާމަކުރީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނާއެކު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެކަމާ ގުޅޭ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިއީ ފަލަސްތީނާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމުގެ މުހިއްމު ނިންމުމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ތަމްރީނު ހަދަން ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖެ އަންނާނީ އަންނަ ނޮވެމްބަރު 8 އިން 19 އަށެވެ.

އެ މުއްދަތުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުން، ފަލަސްތީނާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.