Last Updated: July 8, 19:39
Wednesday, July 8, 2026
ޚަބަރު

އަބުރުގެ ގާނޫނެއް އަނބުރާ ގެންނަން ޖެހޭ: އިބްރާހިމް

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު - ފޮޓޯ: މަޖިލިސް

އަބުރުގެ ގާނޫނެއް އަނބުރާ ގެންނަންޖެހޭ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަން މީޑިއާއަށް އަމާޒުކޮށް އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ގާނޫނެއް ހެދި އެވެ. އެ ގާނޫނުގައި ހުރި ބޮޑެތި ޖޫރިމަނާތަކާ ހެދި ނޫސްވެރިކަމަށް ވަރަށް ބޮޑު ހުރަހެއް އޭރު އެޅުނުއިރު، ޔާމީންގެ ވެރިކަން ބަދަލުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމައި ވަނީ އެ ގާނޫނު އުވާލާފަ އެވެ.

ސަންގުޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަމުން މެމްބަރު އިބްރާހިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަބުރު ރައްކާތެރިކުރުމަށް ހުށަހެޅީ ރަނގަޅު ބިލެއް ކަމަށާއި އިސްލާމްދީނުގެ މައިގަނޑު އެއް އަސާސަކީ ރައްޔިތު މީހާގެ އަބުރު ހިމާޔަތް ކުރުން ކަމަށެވެ.

"ރައްޔިތެއްގެ އަބުރު ގެއްލިއްޖެ ނަމަ އޭނާ ކީއްކުރަން ދިރިއުޅެނީ؟ ދެން އޭނާއަކަށް އާމްދަނީއެއް ވެސް ނުލިބޭނެ. އެކައްޗެއް ވެސް ނުލިބޭނެ. އޭނައަކީ އެއްވެސް މީހެއްނޫން އިނގޭތޯ. މީހުން ގަދަރު ނުކުރާ މީހަކީ މީހެއް ނޫން،" އިބްރާހިމް ވިދާޅުވި އެވެ.

އިސްލާމީ ދައުލަތެއްގައި އަބުރު ހިމާޔަތް ކުރުމަކީ ސަރުކާރަށް ލާޒިމު ކަމެއް ކަމަށާއި ނުކޮށް ތިބުމަކީ ގޯހެއް ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި އިސްލާމީ ޝަރީއަތުގައި ހިމާޔަތް ކުރަން އަންގާފައި އޮތް ފަސް އަސާސް ހިމާޔަތް ނުކުރާ ސަރުކާރެއް ވާނީ "ލާދީނީ" ސަރުކާރަކަށް ކަމަށާއި އެއީ ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ސަރުކާރުން އެކަން ކުރަން މަސައްކަތް ކުރި، އެއީ ރަނގަޅު ކަމެއް. އަޅުގަނޑު މި ދަންނަވަނީ މި ސަރުކާރުން ވެސް އެބަޖެހެއޭ އަބުރުގެ ގާނޫނެއް ލާން. އެއީވެސް ރަނގަޅު ކަމެކޭ،" އިބްރާހިމް ވިދާޅުވި އެވެ.

މީގެއިތުރުން މި ޕްރޮގްރާމްގައި މެމްބަރު އިބްރާހިމް ވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލު ވަރަށް ބޮޑަށް ދިފާއުކޮށް ވާހަކަދައްކަވާފަ އެވެ.