އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާއިން އިއްޔެ އެކަނި 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ފާއިތުވި 24 ގަޑިއިރުތެރޭ ދިން ހަމަލާތަކުގައި ގާޒާއިން 105 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެތެރެއިން 32 މީހުންނަކީ އެހީ ހޯދަން ގޮސް ތިބި މީހުން ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުތެރޭ 13 މީހަކު ބަނޑަށް ވަނީ މަރުވެފަ އެވެ.
އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތައް ވަރުގަަކޮށްފައިވާއިރު، ހަމަލާތައް ހުއްޓުމަކަށް ގެންނަން ހުށަހެޅި ކަންކަމަށް ހަމާސް ޖަމާއަތުން ވަނީ މިދިޔަ މަހުގެ މެދުތެރޭގައި އެއްބަސްވެފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އިޒްރޭލުން ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުން ބަލައިގެންފައެއް ނުވެ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 63،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 150،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 9،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.