މަސްވެރިކަމުގެ ދާއިރާ އިން މީހުން ބިނާ ކުރަން ދާދި ފަހުން ފިޝަރީޒް މިނިސްްރީން ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުވައިލި މަސްވެރިކަމުގެ ދާއިރާ އިން އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ދިން މުއްދަތު އިތުރުކޮށްފި އެވެ.
މިނިސްޓްރީން ބުނީ އެ ފުރުސަތު މިހާރު މި މަހުގެ 17 އާ ހަމައަށް އޮންނާނެ ކަމަށެވެ. ކުރިން ދިން މުއްދަތު ހަމަވީ މިދިޔަ މަހުގެ 27 އަށެވެ.
މި އިންޓާންޝިޕް ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ކަމާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށް ދިނުމަށް ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
އެގޮތުން ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ 'ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް' ގެ ދަށުން މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ.
މި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށް ދޭނެ އެވެ. އެގޮތުން،ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބު އުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު ވެސް ބައިވެރިންނަށް ލިބޭނެ އެވެ.
ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް އެލަވަންސެއް ވެސް ދޭން ހަމަޖެހިފައިވާ އިރު، ބައިވެރިވާން ޝައުގުވެރިވާ 24 އަހަރުން ދަށުގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާމެ އެވެ. މިނިސްޓްރީން ބުނީ 18 އަހަރު ދަށުގެ ޒުވާނެއް ނަމަ، ބެލެނިވެރިޔާގެ ހުއްދައިގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.