ސްޕެއިންގައި ކުރިއަށް ގެންދިޔަ ފަހު ޝޫޓިން ޝެޑިއުލާ އެކު ޝާހިދު ކަޕޫރްގެ އާ އެކްޝަން ތުރިލާ ޝޫޓިން އެއްކޮށް ނިންމާލައިފި އެވެ.
ރަސްމީކޮށް އަދިވެސް ނަން އިއުލާން ނުކުރާ މި ފިލްމުގެ ޝޫޓިން ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ފަހު، ޝޫޓިން އެއްކޮށް މި ހަފުތާގެ ތެރޭގައި ނިންމައިލި ވާހަކަ ޝާހިދު އިންސްޓަގްރާމް ޕޯސްޓެއްގައި ވެސް ހިއްސާކޮށްފައިވެ އެވެ. ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު އޭނަ ބުނީ މިއީ ކުޅަދާނަ ޑައިރެކްޓަރާ އެކު މަސައްކަތްކުރާ ހަތަރު ވަނަ ފިލްމު ކަމަށާއި މި ފަހަރު ވެސް ފިލްމުގައި ކުޅެނީ ޓައިޓްލް ރޯލު ކަމަށެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން ފެށި ދުވަސްކޮޅު މީގެ ނަމަކީ "އަރުޖުން އުސްތާރާ" ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. ނަމަވެސް މީޑިއާތަކުން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމުގެ ނަމަކީ "ރޯމިއޯ" އެވެ.
ނަމަވެސް ފިލްމުގެ ކުޅުނު ޓައިޓްލް ރޯލު ހާމަނުކޮށް ޝާހިދުގެ ޕޯސްޓްގައި ބުނީ މިއީ އަނެއްކާ ވެސް އޭނަގެ ވަރަށް ތަފާތު ރޯލެއް ފެންނާނެ ފިލްމެއް ކަމަށާއި ފިލްމު ވަރަށް ވެސް ހާއްސަ ކަމަށެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް "ރޯމިއޯ" ގެ ބަތަލާ އަކީ ޓްރިޕްތީ ދިމްރީ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ނާނާ ޕަޓޭކަރް، އަވިނާޝް ތިވާރީ، ޑިޝާ ޕަޓާނީ، ފަރީދާ ޖަލާލް އަދި ދިއާ މިޒްރާ ފަދަ ތަރިން ހިމެނެ އެވެ.
ވިޝާލްއާ އެކު ޝާހިދު ކުރިން މަސައްކަތްކުރި ފިލްމުތަކަކީ 2017 ގެ "ރަންގޫން" އާއި 2014 "ހައިދަރު" ގެ އިތުރުން 2009 ގެ "ކަމީނޭ" އެވެ.
ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި އެކްޝަން ތުރިލާ "ދޭވާ" އެވެ.