Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

އިތުރު 5 އަތޮޅެއްގައި އާރްޓީއެލް ފެރީ ފަށަނީ

އިތުރު ފަސް އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ފެށުމަށްޓަކައި ތައްޔާރީތައްވާން ފަށައުފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އާރްޓީއެލް ޒޯން 4 ގައި ހިމެނޭ މ، ފ، ދ، ތ އަދި ލ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ސާވޭ މަސައްކަތް މި މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބޭސްލައިން ސާވޭ ކުރިއަށް ގެންދާނީ މި މަހާއި އަންނަ މަހު އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފެރީގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ޒޯން 4 ގައި ޚިދުމަތް ފެށުމަށްޓަކައި ހަދަން ޖެހޭ ސާވޭ ފެށުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާ ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ ބޭސްލައި ސާވޭއާ ބެހޭ މަޢުލޫމާތު ހިއްސާކުރި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އާރްޓީއެލްގެ ޚިދުމަތް ދެމުން އަންނަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެގޮތުން މިހާރު އާރްޓީއެލްގެ ފެރީގެ ހިދުމަތް 11 އަތޮޅެއްގައި އަންނަނީ ދެމުންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި ޚިދުމަތް ފެށުމުން ބާކީ ދެން އޮންނާނީ 4 އަތޮޅެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހިދުމަތް ފުޅާކުރުމެވެ.

ދެހާސް ބާވީހުގައި ފެށި އާރްޓީއެލްގެ ދަށުން ފެރީ ހިދުމަތުގެ އިތުރުން ބައެއް ސަރަހައްދުތަކަށް އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.