Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

އަހާން އަށް ބިރުވެރި ފިލްމެއް

އަހާން ޝެޓީ ބިރުވެރި ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.

މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު މިހާރު "ބޯޑާ 2" ގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނަ ބޮލީވުޑަށް ތައާރަފުވީ 2021 ގެ "ތަޅަޕް" އިންނެވެ. އޭގެ ފަހުން އަހާންގެ އިތުރު ފިލްމެއް ބެލުންތެރިންނާ ހަަމައަކަށް ނާދެ އެެވެ. ނަމަވެސް "ތަޅަޕް" ގެ ޕްރޮޑިއުސަރު، ސާޖިދު ނަދިއަދުވާލާ އޮތީ އަހާން އާއި ޕޫޖާ ހެގްޅޭ ލީޑް ރޯލު ކުޅޭ ގޮތަށް 2023 ގައި "ސާންކީ" ކިޔާ ފިލްމެއް ވެސް އިއުލާންކޮށްފަ އެވެ.

އެކަމަކު އޭގެ މަސައްކަތް އަދި ނުފަށަ އެވެ.

ވެރައިޓީން ބުނި ގޮތުގައި އަހާން ސޮއިކުރި ބިރުވެރި ފިލްމަކީ ނެޓްފްލިކްސް އިން ގެނެސްދިން އިންޑިއާގެ އުފެއްދުންތައް ކަމަށްވާ 2018 ގެ "ގޮއުލް" އާއި 2020 ގެ "ބެތާލް" ގެ ސްކްރީން ރައިޓަރު، ކެނެޑާ އަށް އުފަން ޕެޓްރިކް ގްރަމްހަމްގެ ސްކްރީންޕްލޭއަކަށް ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ.

މީގެ ވާހަކަ ބިނާކޮށްފައި އޮތީ ތާރީހީ ހަގީގީ ހާދިސާއެެއްގެ މައްޗަށް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އަހާން، ހިޔާތީ އަދި ޕެޓްރިކް.

ނަން އަދި ސާފު ނުވާ އަހާންގެ ބިރުވެރި ފިލްމު ޕްރޮޑިއުސް ކުރަނީ ޕްރޮޑިއުސަރު ހިޔާތީ މަދާންގެ ނޮޓް އައުޓް އެންޓައިމަންޓުންނެވެ. އަދި މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޕްރަޝާންތު ގުންޖަލްކަރް ވެސް ހިއްސާވާނެ އެވެ.

ވެރައިޓީން ބުނީ މި ޕްރޮޖެކްޓަށް ޑައިރެކްޓަރަކު ފައިނަލް ކުރުމާއި ބަތަލާ އަކު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަހާންގެ ދެވަނަ ފިލްމު "ބޯޑާ 2" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 22 ގަ އެވެ.