ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 5 މެންބަރަކު ފިޔަވައި އެހެން ހުރިހާ މެންބަރުންތަކެއް އެ މެންބަރުންގެ މާލީ ބަޔާން އާންމުކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވާ ކުރައްވާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަން ޖެހޭނެ އެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭނީ މިދިޔަ މެއި 28 އަށް އެއް އަހަރު ފުރުމުން، މިދިޔަ މަހުގެ 31 ގެ ދުވަހުގެ ކުރިންނެވެ.
މަޖިލީހުގެ ރަސްމީ ވެބްސައިޓްގައި ވަނީ މާލީ ބަޔާން ހުށަހެޅުއްވި މެންބަރުންގެ ބަޔާންތައް އާންމުކޮށްފަ އެވެ. މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން މާލީ ބަޔާން އާންމު ނުކުރަނީ 5 މެންބަރެކެވެ.
މާލީ ބަޔާން އާންމުނުކުރާ މެމްބަރުންގެ ތެރޭގައި ތެރޭގައި ހިމެނެނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް, ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން, ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ.
މެންބަރުން އަމަލު ކުރައްވަން ޖެހޭ އުސޫލުގައިވާ ގޮތުން މާލީ ބަޔާނުގައި އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރީން ވެސް ހިމެނޭ ގޮތަށް ފުރިހަމަ ކުރަންޖެހޭ މައުލޫމާތުގެ ތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހުރި މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކުގެ މައުލޫމާތުތަކާއި އަރަންޏާއި ދަރަނީގެ ހިސާބުތަކާއި އެހެން ވަޒީފާއެއް އަދާ ކުރާ ނަމަ، އެ ވަޒީފާގެ ޒިންމާތައް ހިމެނެ އެވެ.