ފަޔަ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ފުވައްމުލަކު އެއާޕޯޓްގެ ދަތުރުތައް މި ހަފުތާގައި މެދުކަނޑާލަން ޖެހުނު ފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ގޮތަކަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު އެއާޕޯޓްގެ ހަމައެކަނި ފަޔަ ޓްރަކް ހަލާކުވެ، އައްޑޫން ރޭ ގެންދިޔަ ފަޔަ ޓްރަކާ އެކު އަލުން އޮޮޕަރޭޝަންތައް ފެށުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެއާޕޯޓް ޚިދުމަތް ހުއްޓެން ދިމާވި މައްސަލަ ހައްލުކޮށް މިހާރު އާންމު
ހާލަތަކަށް ގެނެވިފައިކަމަށް އެއާޕޯޓުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ރަފީގު ވިދާޅުވީ އެކަމުގައި ޝާމިލްވާ ހުރިހާ އެންމެނަށާއި ވަކިން ޚާއްސަކޮށް ފުވައްމުލައް އެެއާޕޯޓްގެ ޓީމަށާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ދަތުރުނުކުރެވި ތިބި ޕެސެންޖަރުންނަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތްކޮށް ދިން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓީމަށް ވެސް މޭޔަރު ޝުކުރު އަދާކުރެއްވި އެވެ.
"ކުރިއަށް އޮތް ތަނުގައި މި ކަހަލަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ،" ރަފީގު ވިދާޅުވި އެވެ. "އެންމެ ކަމަކުން އެއާޕޯޓް ހުއްޓިދާނެ ކަންކަން ބަލައި ފިޔަވަޅު އަޅަން ޖެހޭ."
މޭޔަރު ވިދާޅުވީ އެއާޕޯޓްގެ ފަޔަ ވެހިކަލާއި އިކުއިޕްމެންޓް އަބަދުވެސް މެއިންޓެއިންކޮށް ސާވިސް ކުރުން މުހިންމު ކަމަށާއި ބޭނުން ޖެހިއްޖެ ހާލަތެއްގައި ސިވިލް ފަޔަ ވެހިކަލް ބޭނުން ކުރެވޭނެ ގޮތް ހަދަން އެ ވެހިކަލްތައް ވެސް އެއާޕޯޓް ކެޓިގަރީގެ ވެހިކަލްއަކަށް އަޕްގްރޭޑް ކުރަން ޖެހޭ ކަމަށެވެ.
"މިކަންކަމުގައި އެއާޕޯޓް ކުންފުނި އަދި ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކައުންސިލުން މަސައްކަތް ކުރަމުން ދާނެ ވާހަކަ ދަންނަވަން." އޭނަ ވިދާޅުވި އެވެ.
ފުވައްމުލަކު އެއާޕޯޓަކީ 2011 ގައި ހުޅުވި އެއާޕޯޓެކެވެ. އެތަނަށް ދަތުރުތައް ބާއްވަނީ މޯލްޑިވިއަނުން އެކަންޏެވެ. އެގޮތުން ދުވަހަކު ދެ ދަތުރު ބާއްވަ އެވެ.