Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކެމްޕޭނެއް

"އުދުހިލަން" ގެ ނަމުގައި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އިއްޔެ ކެމްޕޭނެއް ލޯންޗްކޮށްފި އެވެ.

މިއީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އާއި ޔުނިސެފް ގުޅިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގަން ނިންމާފައިވާ ކެމްޕޭނެކެވެ.

މީގެ މައިގަނޑު ބޭނުމަކީ އުފާވެރި އަދި ރައްކާތެރި މުޖުތަމައުއެއް ބިނާކޮށް ކުޑަކުދިންނަށް ކުރާ އަނިޔާތައް ނިމުމަކަށް ގެނައުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ. އެގޮތުން މި ކެމްޕޭނުގެ ތެރެއިން އެކި ދާއިރާތަކުގައި ހިމެނޭ އެންމެން އެއް މޭޒަކަށް ގެނެސް، މަޝްވަރާތައްކޮށް، ހައްލުތައް ދެނެގަންނާނެ ކަމަށް އެފްޕީއޭ އިން ބުންޏެވެ.

އެތަނުގެ ސީއީއޯ، އާމިނަތު ޝިރާނީ ނައީމް ކެމްޕެއިނުގައި ބޭނުންކުރާ ލޯގޯގައި ފިޔަގަނޑެއް ހިމަނާފައި ވަނީ މިނިވަންކަން ރަމްޒުކޮށްދިނުމުގެ ގޮތުން ކަމަށާއި ކުއްޖާ އަށް އަމިއްލަ މިނިވަންކަމާއެކު ހުނަރު ތަރައްގީކޮށް ބޭނުންވާ ހިސާބަކަށް ދިޔުމަށް ކެމްޕެއިނުގައި ބާރު އަޅާނެ ކަމަށެވެ.

"އުދުހިލަން" ކެމްޕޭނުން އާއިލާތަކާއި މުޖުތަމައުތަކާއި މުއައްސަސާތައް މަސައްކަތް ކުރާނީ ރައްކާތެރިކަމާއި ލޯތްބާއި އަދި އެއްބާރުލުން ދީގެން ހުރިހާ ކުޑަކުދިންނަށް ރަނގަޅު މުސްތަގުބަލެއް ލިބި ކުރިއަރައިގެންދާކަން ކަށަވަރު ކުރާނެ އެވެ.