Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

20 އަހަރު ފަހުން ކަބް ސްކައުޓް ސިކްސާސް ކޭމްޕް

ވިހި އަހަރުގެ މެދުކެނޑުމަކަށް ފަހު ކަބް ސްކައުޓުންގެ ސިކްސާސް ކޭމްޕް މާދަމާ ފަށަން ނިންމައިފި އެވެ.

ކަބް ސްކައުޓުންނަށް ބާއްވާ ނެޝަނަލް ކަބް ސްކައުޓް ސިކްސާސް ކޭމްޕް ބާއްވަން ނިންމާފައި ވަނި ޕިކްނިކް އައިލޭންޑް، ކުޑަގިރީގަ އެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޭމްޕް ކުރިއަށް ގެންދާނެއެވެ.

ކަބް ސްކައުޓުންގެ މި ހަރަކާތް ކުރިއަށް ގެންދަނީ 8-11 އަހަރުގެ ކުދިންނަށް އަމާޒުކޮށެވެ.

ސްކައުޓް އެސޯސިއޭޝަނުން ބުނީ، މިއަހަރު ބާއްވާ ކޭމްޕްގައި އަތޮޅުތަކުން 33 ސްކައުޓް ގުރޫޕުން 226 ކަބް ސްކައުޓުންނާއި ލީޑަރުން ބައިވެރިވާނެ ކަމަށެވެ. މި ކުދިންނަށް އެކި ހުނަރު ދަސްކޮށް ދިނުމާއި ލީޑަޝިޕް ތަރައްގީ ކުރުމުގެ ފުރުޞަތު ލިބިގެން ދާނެ ކަމަށް އެސޯސީއޭޝަނުން ބުންޏެވެ.

މި ކޭމްޕް އެންމެ ފަހުން ބޭއްވީ ބޭއްވީ 2000 ވަނަ އަހަރު އެވެ.

މި އަހަރުގެ ސިކްސާސް ކޭމްޕްގެ ޝިޔާރަކީ "ދަ ފިޝާސް ޖާނީ؛ ވިސްޑަމް ފްރޮމް ދަ ސީ" އެވެ. މި ޝިޔާރު ބިނާވެފައި ވަނީ ދިވެހި މަސްވެރިޔާގެ ދިރިއުޅުމުގެ މައްޗަށެވެ. މިއީ ހިތްވަރާއި ކެތްތެރިކަމާއި އިސްނެގުމާއި އަދި ޚިދުމަތް ކުރުމުގެ ރަމްޒެވެ. މަސްވެރިޔާ ދޯނި ތައްޔާރުކޮށް، ކަނޑުތަކުގެ ގޮންޖެހުންތަކާ ކުރިމަތިލާ ފަދައިން، މި ކޭމްޕްގެ ބައިވެރިންނަށް ކޭމްޕްގެ ތެރެއިން ގޮންޖެހުންތަކާ ކުރިމަތިލުމަށާއި އިސްނެގުމަށާއި އަދި އެހެން މީހުންނަށް ޚިދުމަތް ކުރުމުގެ މުހިންމުކަން ދަސްވެގެން ދާނެ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.

މި ކޭމްޕްގެ މައިގަނޑު މަގުސަދަކީ ދިރިއުޅުމުގެ ހުނަރުތަކާއި ޓީމްވޯކާއިލީޑަޝިޕްގެ ސިފަތައް ދަސްކޮށްދީ، އެމީހުންގެ ޕެކްތަކާއި ގުރޫޕްތަކަށް މާނަ ހުރި ގޮތެއްގައި ޙިއްސާވުމަށް ތައްޔާރުކުރުމެވެ. އަދި މީގެ އިތުރުން ތިމާވެށި ދެމެހެއްޓެނެވި ގޮތެއްގައި ބޭނުން ކުރުމަށް ސަމާލުކަންދީ ތިމާވެއްޓަށް އަޅާލާ ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެ ކުދިންނަށް އަދާކުރެވޭނެ ދައުރު ވެސް ފާހަގަކޮށް ދިނުމެވެ.