ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ބިލެއް މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެ ކޮމިޓީން ވަނީ މި ބިލުގެ މަސައްކަތް މި މަހުގެ 15 ގެ ކުރިން ނިންމުމަށް ފާސްކޮށްފަ އެވެ.
ނޫސްވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނުގައި ބުނީ، އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތަށް މީޑިއާގެ ރެގިއުލޭޓްރީ ނިޒާމު އިންތިޒާމުވުމަކީ ރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައި، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ އެތައް ދަރަޖައެއް ފަހަތަށް ދާނެ ކަމެއް ކަމަށާއި އެ ބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިންގެ ޒިންމާ އިންތިހާއަށް ހަނިކޮށް، ވަކި ބަޔަކަށް ނޫސްވެރިންގެ މަސައްކަތްތަކަށް ބާރު ފޯރުވެވޭ ގޮތަށް ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ނުޖެހި މައުލޫމާތުތައް އާންމުންނާ ހަމައަށް ގެނެސް ދިނުމަށް ނޫސްވެރިންނަަށް ދަތިވެ، ނޫސްވެރިކަން ކުރުމަށް އުނދަގޫ މާހައުލެއް އުފެދޭނެ ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.
އެގޮތުން، އެ ބިލުގެ ދަށުން އަލަށް އުފައްދާ ކޮމިޝަނުން މައްސަލަ ބަލަމުންދާއިރު ވަގުތީގޮތުން ލައިސަންސް ހިފެެހެއްޓުމުގެ ބާރު ދީފައި އޮތުމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމުގެ ފުރުސަތު ވެސް އެ ބިލުން ނޫސްވެރިންނަށް ހަނިވާނެ ކަމަށް ޕެޓިޝަންގައިވެ އެވެ.
މީގެއިތުރުން ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު ހިންގާނެ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލު ކުރުމަކީ މީޑިއާގެ މިނިވަންކަން ގެއްލޭނެ ކަމަކަށް ވާތީ އެ ބިލު ބޭރުކޮށްލުމަށް ޕެޓިޝަނުގައި ވަނީ ގޮވާލާފަ އެވެ.