ރައްޔިތުންގެ މަޖިލީހުގެ ބައެއްް މެންބަރުންނަށް އަހަރު ދުވަހުގެ ތެރޭގައި ހަދިޔާ ގޮތުގައި މިލިއަނުން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ބަޔާންތަކުން ދައްކައިފި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވާ ކުރައްވާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަން ޖެހޭނެ އެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭނީ މިދިޔަ މެއި 28 އަށް އެއް އަހަރު ފުރުމުން، މިދިޔަ މަހުގެ 31 ގެ ދުވަހުގެ ކުރިންނެވެ.
މަޖިލީހުގެ ރަސްމީ ވެބްސައިޓްގައި ވަނީ މާލީ ބަޔާން ހުށަހެޅުއްވި މެންބަރުންގެ ބަޔާންތައް އާންމުކޮށްފަ އެވެ.
މާލީ ބަޔާންތަކުގައިވާ ގޮތުން ބައެއް މެންބަރުންނަށް ހަދިޔާގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް ދައްކަ އެވެ. އޭގެތެރެއިން އެއް މެންބަރަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމްގެ މާލީ ބަޔާނުގައިވާ ގޮތުން 958،982ރ. އަކީ ހަދިޔާ ގޮތުގައި ލިބިފައިވާ ފައިސާ އެވެ.
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް ވެސް 1.4 މިލިއަން ރުފިޔާ ހަދިޔާގެ ގޮތުގައި ލިބިފައިވާ ކަމަށް މާލީ ބަޔާނުން ދައްކަ އެވެ. އޭގެ ތެރެއިން ބައެއް ފައިސާއަކީ ޑޮލަރުން ލިބުނު ފައިސާ އެވެ.
ހަދިޔާގެ ގޮތުގައި، ފައިސާ ލިބިފައިވާ ކަމަށް މާލީ ބަޔާނުގައި ޖަހާފައި ވިޔަސް، ދެއްވި ފަރާތުގެ ތަފްސީލްތައް އެނގޭނެހެން ހާމަކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން ބައެއް މެންބަރުންނަށް ހިލޭ ރޯ ހައުސްއާއި ފްލެޓް ވެސް ލިބިފައިވާ ކަމަށް މާލީ ބަޔާންތަކުން ހާމަވެ އެވެ. ނަމަވެސް ބައެއް މެންބަރުންގެ ބޭކް އެކައުންޓްތަކަށް ބަލާއިރު، ލިބިފައިވާ އާމްދަނީއާ އެކަށީގެންވާ އަދަދަށް އެކައުންޓްތަކުގައި ފައިސާ ނެތްކަން ފާހަގަކޮށްލެވެ އެވެ.
އެގޮތުން ބައެއް މެންބަރުންގެ އެކައުންޓްގައި 500 ރުފިޔާއަށް ވުރެ މަދުން ފައިސާ ހިމެނޭ އިރު، ބައެއް މެންބަރުންގެ އެކައުންޓްގައި އެންމެ ފައިސާ އެއް ވެސް ނެތެވެ.