މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑަށް ކުރިމަތިލާން ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
އަލަށް ދޭން ނިންމި އެވޯޑަކީ ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ދޭން ނިންމި އެވޯޑެކެވެ.
އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ އަންނަ މަހުގެ 2 ހަމައަށެވެ.
ބީސީސީން ބުނީ އެމްއެސްއެމްއީ އެވޯޑް ދޭން ހަމަޖެހިފައި ވަނީ ދެ ކެޓަގަރީއަކުން މައިގަނޑު 24 ދާއިރާއަކަށް ކަމަށެވެ.
އޭގެ ތެރޭގައި ޖަޖުކުރެވޭ ގިންތި (13 ދާއިރާއެއް) އަދި ޕޮޕިއުލާ އެވޯޑްސް ގިންތި (11 ދާއިރާއެއް) ހިމެނެ އެވެ.
އެވޯޑަށް ހުށަހަޅާނީ މި ޕޯޓަލް msme.bcc.mv މެދުވެރިކޮށެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 3305555 އިން ހޯދޭނެ އެވެ.