އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބަދުރުއްދީން ހަސަން މިއަދު އައްޔަންކޮށްފި އެވެ.
އެސްޑީއެފްސީގެ އެމްޑީގެ މަގާމުގައި މީގެކުރިން ހުންނެވި އައިޝަތު ފިފްޝީން ވަނީ އެ މަގާމުން މިދިޔަ މާޗު މަހު ވަކިކޮށްފަ އެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ބަދުރުއްދީން މީގެކުރިން ހުންނެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ ޑިރެކްޓަރުގެ މަގާމުގަ އެވެ. ބަދުރުއްދީން އަކީ ބޭންކިންގް އަދި ފައިނޭންޝަލް ސާވިސް ދާއިރާގައި 13 އަހަރަށްވުރެ ދިގު ތަޖުރިބާ ހުންނެވި ފަރާތެކެވެ.
ސަރުކާރުން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ވިއްކާލުމަށް ނިންމާފަ އެވެ.