ބަންޑުން އޮވެ ނިދުމަކީ މާތް ﷲ ނުރުއްސަވާ ކަމެކެވެ. އިމާމް އަޙްމަދާއި އަބޫދާއޫދު ރިވާކުރައްވާފައިވެ އެވެ. ޠަޙްފާ ބުން ޤައިސް އަލްޣިފާރީ ވިދާޅުވި އެވެ. ފަތިސް ނަމާދު ވަގުތުވުމުގެ ކުރިން ތިމަންކަލޭގެފާނު މިސްކިތުގައި ބަންޑުން އޮންނެވީމެވެ. އަދި މިހެން އޮއްވައި މީހަކު އައިސް އޭނާގެ ފައިން ތިމަންކަލޭގެފާނު ކުޑަކޮށް ކޮށްޕަވާލައްވަމުން ވިދާޅުވި އެވެ؛ “މި ގޮތަށް އޮށޯވެ އޮތުމަކީ މާތް ﷲ ނުރުއްސަވާ ކަމެކެވެ.”
އެހިނދު ތިމަންކަލޭގެފާނު އެއީ ކޮން ބޭފުޅެއްތޯ ބައްލަވާ ލެއްވި އިރު އެއީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ.
އިބްނު މާޖާ އިބްނު ޠިޚްފަތަލް ޣިފާރީގެ ކިބައިން ރިވާކުރައްވާފައިވެ އެވެ. އަބޫ ޛައްރު ވިދާޅުވި އެވެ. ތިމަންކަލޭގެފާނު ބަންޑުން އޮށޯވެ އޮންނަވަނިކޮށް އެތަނުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަޑައިގަންނަވަމުން އެކަލޭގެފާނުގެ ފައިންޕުޅުން ތިމަންކަލޭގެފާނުގެ ގައިގާ ޖައްސަވާފައި ޙަދީޘްކުރެއްވިއެވެ؛ “އޭ ޖުނައިބެވެ. ހަމަކަށަވަރުން މިއީ ނަރަކައިގެ އަހުލުވެރިން އޮންނަ ގޮތެވެ.”
ބަންޑުން އޮވެ ނިދުމަކީ ހުރިހާ ޢުމުރެއްގެ މީހުންގެ ހަށިގަނޑަށް ވެސް ޞިއްޙީ ގޮތުން ގެއްލުން ހުރި ކަމެކެވެ. މި ޒަމާނުގެ މެޑިކަލް ރިޕޯޓުތަކުން ދައްކާ ގޮތުގައި ތުއްތުކުދިން ބަންޑުން ބާއްވާ ނިންދުމުގެ ސަބަބުން ނޭވާ ހާސްވެ މަރުވެފައިވާ ކުދިންގެ ޢަދަދު ވަރަށް ގިނައެވެ. ހަމަ އެފަދައިން ބަންޑުން ބޭއްވުމުން ކުދިންގެ ނޭފަތް ބެޑްޝީޓް ނުވަތަ ތަންމައްޗާ ގާތްވުމުގެ ސަބަބުން އެލާޖިކުވުމަށް މެދުވެރިވެ އެވެ. ބެޑްޝީޓަކީ ސްޕޮންޖުން ނުވަތަ ވޫލުން ހަދާފައިވާ އެއްޗެއް ނަމަ ގިނަ ޢަދަދަކަށް ޖަރާސީމާއި މައިކްރޯބްސް އުފެދުމަށް މެދުވެރިވެ އެވެ.
ކުދިންގެ ޅަފަތުގައި އެކުދިންނަށް ކަނާއަތް ފަރާތުގެ އަރިމައްޗަށް އޮވެ ނިދުމަށް ހާނުވަން ޖެހެ އެވެ. އެހެނީ މިއީ ނިދުމުގެ އެންމެ ރިވެތި އާދަ އެވެ. އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ. ހަމައެފަދައިން ހަށިގަނޑަށް އެންމެ ފައިދާ ހުރި ގޮތެވެ.
ޞިއްޙި ދިރާސާތައް ދައްކާ ގޮތުގައި ޞިއްޙި ގޮތުން ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތަކީ ކަނާއަތް ފަރާތުގެ އަރިމައްޗަށް އޮވެ ނިދުމެވެ. ސަބަބަކީ ވާއަތް ފަރާތުގެ ފުއްޕާމޭ ކަނާއަތް ފަރާތުގެ ފުއްޕާމެއަށް ވުރެ ކުޑަވުމެވެ. މިކަމުގެ ސަބަބުން ހިތަށް ކުރާ ބާރު ކުޑަވެގެންދެ އެވެ. އަދި މޭ އޮންނާނީ އޭގެ ޖާގައިގާ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ބަނޑު އޮންނާނީ “އަރާމު ކުރާ ހާލުގައެވެ.” ސަބަބަކަށް ވެގެންދަނީ ކާނާ ހަޖަމު ކުރުމުގައި ފަސޭހަވެގެން ދިއުމެވެ.
ބަންޑުން އޮވެ ނިދުމަކީ މައިބަދައަށް ގެއްލުންވާ ކަމެއް ކަމަށްވެސް ޑޮކްޓަރުން ވިދާޅުވެ އެވެ. އަދި މައިބަދައަށް އެންމެ ފައިދާ ހުރި ގޮތަކީ ކަނާއަތް ފަރާތުގެ އަރިމައްޗަށް އޮވެ ނިދުމެވެ.
ދިރާސާތަކުން ސާބިތުވާ ގޮތުގައި ކަނާއަތް ފަރާތަށް އޮވެ ނިދައިފި ނަމަ އިންސާނާ ކާއެއްޗެހި 2.5-4.5 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ހަޖަމުވެ އެވެ. ނަމަވެސް ވާއަތް ފަރާތަށް އޮވެ ނިދައިފި ނަމަ 5-8 ގަޑިއިރާ ދެމެދުގެ ވަގުތެއް ކާއެއްޗެހި ހަޖަމުވުމަށް ނަގަ އެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބަންޑުން އޮވެ ނިދުމަކީ މަކްރޫޙަ ކަމެކެވެ. އެހެނީ އަބޫދާއުދު ރިވާކުރައްވާފައިވެ އެވެ. ޠަޙްފާ ބުން ޤައިސް އަލްޣިފާރީ ވިދާޅުވި އެވެ. ފަތިސް ނަމާދު ވަގުތުވުމުގެ ކުރިން ތިމަންކަލޭގެފާނު މިސްކިތުގައި ބަންޑުން އޮންނެވީމެވެ. އަދި މިހެން އޮއްވާ މީހަކު އައިސް އޭނާގެ ފައިން ތިމަންކަލޭގެފާނު ކުޑަކޮށް ކޮށްޕަވާލައްވަމުން ވިދާޅުވިއެވެ؛ “މިގޮތަށް އޮށޯވެ އޮތުމަކީ މާތް ﷲ ނުރުއްސަވާ ކަމެކެވެ.” އެހިނދު ތިމަންކަލޭގެފާނު އެއީ ކޮން ބޭފުޅެއްތޯ ބައްލަވާ ލެއްވި އިރު އެއީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.
މަސްދަރު: އިލްމު.އެމްވީ