Last Updated: July 8, 17:40
Wednesday, July 8, 2026
ޚަބަރު

ފަލާހަށް މި އަހަރު 5 މިލިއަން، އަންނަ އަހަރު މާ އިތުރުވާނެ

މެންބަރު އިބްރާޙިމް ފަލާހު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އާމްދަނީގެ ގޮތުގައި މިއަހަރު ލިބުނު އަދަދަށް ވުރެ އަންނަ އަހަރު ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިއަދު އާންމުކޮށްފައިވާއިރު، ފަލާހުއަށް އަހަރެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ލިބިފައިވާކަން ވަނީ ހާމަވެފަ އެވެ.

ފަލާހުގެ މާލީ ބަޔާނުގައިވާ ގޮތުން 2024 މެއި 28 އިން 2025 މެއި 27 ގެ ނިޔަލަށް މަޖިލީހުގެ މުސާރައިގެ ގޮތުގައި 990،000ރ. ލިބިފައިވާއިރު ކުންފުނިން ލިބޭ މުސާރައިގެ ގޮތުގައި މި މުއްދަތުގައި ފަލާހުއަށް 900،000ރ. ލިބިފައިވެ އެވެ. އަދި ގެދޮރު ކުއްޔަށްދީގެން ކުލީގެ ގޮތުގައި 3،276،000ރ. ވަނީ ލިބިފަ އެވެ.

ފަލާހުގެ ނަންމަތީގައި އޮންނަ ހަ ބޭންކު އެކައުންޓެއްގައި ޖުމްލަ 111،074ރ. އާއި 301 ޑޮލަރު ހުރިކަމަށް މާލީ ބަޔާނުގައިވެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، އާމްދަނީ މިއަންނަ އަހަރު އަދި މިއަށްވުރެ އިތުރުވާނެ ކަމަށާއި އެގޮތުން އިންނަމާދޫއިން ގަނެފައި ރަޖިސްޓްރީ ބަދަލުވުމުގެ މަރުހަލާގައި ތިން ގޯތި އުޅޭއިރު، ހުޅުމާލެއިން ގަތް ގޯތި ވެސް އުޅެނީ ރަޖިސްޓްރީ ބަދަލުކުރުމުގެ މަރުހަލާގައި ކަމަށެވެ.

"ވަރަށް ބެލިން މި ފަހަރުގެ މާލީ ބަޔާނަށް ލެވޭ ވަރަށް ނިންމާލެވޭތޯ، ނަމަވެސް ވާގޮތެއް ނުވި،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މި ވާހަކަތައް މިހާ ކުރިން ހިއްސާކުރީ ފަހަރެއްގައި މިއަންނަ އަހަރުގެ މާލީބަޔާން ނެރޭއިރު ނޫސްވެރިއަކު އާޝޯޚްވެގެން "ކަނޑަށް ވެޓިދާނެތީ" ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވާ ކުރައްވާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަން ޖެހޭނެ އެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭނީ މިދިޔަ މެއި 28 އަށް އެއް އަހަރު ފުރުމުން، މިދިޔަ މަހުގެ 31 ގެ ދުވަހުގެ ކުރިންނެވެ.

މަޖިލީހުގެ ރަސްމީ ވެބްސައިޓްގައި ވަނީ މާލީ ބަޔާން ހުށަހެޅުއްވި މެންބަރުންގެ ބަޔާންތައް އާންމުކޮށްފަ އެވެ. މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން މާލީ ބަޔާން އާންމު ނުކުރަނީ 5 މެންބަރެކެވެ.

މާލީ ބަޔާން އާންމުނުކުރާ މެމްބަރުންގެ ތެރޭގައި ތެރޭގައި ހިމެނެނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް, ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން, ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ.