ހދ. ނޮޅިވަރަމްގައި މަލްޓި ސްޕޯޓްސް ކޮމްޕެލްކްސްއެއް ހެދުމަށް ސްޕޯޓްސް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް، އެ ކޮމްޕްލެކްސްގެ ބިންގާ އަޅައިފި އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އަދި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ނޮޅިވަރަމްގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި އަންހެނުން ކަސްރަތު ކުރަން ހާއްސަ ކޮޓަރިއަކާއި ބޯޑް ގޭމްތަކާއި ގިނަ ކުޅިވަރުތައް ކުޅޭވޭނެ ހޯލެއްގެ އިތުރުން ބައްދަލުވުންތައް ބާއްވަން ހާއްސަ ކޮޓަރިއެއް ހިމެނޭނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2026 ގެ ނިޔަލަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.