Last Updated: July 8, 16:44
Wednesday, July 8, 2026
ޚަބަރު

ފާޑުކިޔުން އަމާޒުވުމުން ނިޒާރުގެ ޕޯސްޓު ޑިލީޓްކޮށްލައިފި

ފޭދު އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތަކާއި ގުޅޭ ހަބަރުތައް މީޑިއާތަކުން ގެނެސްދިނުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ކުރެއްވި ޕޯސްޓު ޑިލީޓްކޮށްލައިފި އެވެ.

މަޖިލީހުގެ ރަސްމީ ވެބްސައިޓްގައި މިހާރު ވަނީ މާލީ ބަޔާން ހުށަހެޅުއްވި މެންބަރުންގެ ބަޔާންތައް އާންމުކޮށްފަ އެވެ. މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން މާލީ ބަޔާން އާންމު ނުކުރަނީ 5 މެންބަރެކެވެ. އޭގެތެރޭގައި މެމްބަރު ނިޒާރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނިޒާރު ރޭ "ފޭސްބުކް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މެމްބަރުންގެ މާލީ ބަޔާނާއ ގުޅޭގޮތުން މަޖިލީހުން ބަޔާނެއް ނެރެފައި ނުވަނީސް ބައެއް މީޑިއާތަކުން ލިސްޓް ހަދައި އާންމުކޮށް ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ޕަބްލިޝްކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާ މީޑިއާ ބިލު އަވަސްކުރުމަށާއި، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް މި ބިލު އަވަހަށް ފާސްކުރަން ވެސް ނިޒާރު ވަނީ ގޮވާލާފަ އެވެ.

ނިޒާރުގެ މި ޕޯސްޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސޯޝަލް މީޑިއާގެ އެކި ޕްލެމްޓްފޯމްތަކުގައި އަމާޒުވުމުން އޭނާ މިހާރު ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލާފަ އެވެ.

ނިޒާރަށް ފާޑުކިޔުން އަމާޒުކުރި ބައެއް ފަރާތްތަކުން ވަނީ އެ ޕޯސްޓަކީ މީޑިއާތަކުގައި ތަޅު އަޅުވާނެ ކަމުގެ ބިރުދެއްކި ޕޯސްޓެއް ކަމަށް ބުނެފަ އެވެ. އަދި މަޖިލީހުގެ ކޮމިޓީއެއްގައި މީޑިއާ ބިލު އޮތް ދަނޑިވަޅެއްގައި، މެމްބަރަކު މިފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ބިރުގަންނަންޖެހޭ ވަރުގެ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުންޏެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލު ބޭރުކޮށްލުމަށް އެދި 150 ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ.