ރާއްޖެ އާއި ސްރީ ލަންކާ އާއި ކުޅޭ ސުޕަ ކަޕަށް ރާއްޖޭގެގައުމީ ޓީމު އެ ގައުމަށް ފުރައިފި އެވެ.
ޓީމު މިއަދު ހެނދުނު ފުރި އިރު ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިޢު އާއި އޭފްއޭއެމްގެ ރައީސް އަހުމަދު ތޯރިގާއި އެފްއޭއެމްގެ އިސްވެރިން މާލޭ ބަސް ޓާމިނަލުން ޓީމާ ބައްދަލު ކުރައްވައި ކާމިޔާބީއަށް އެދިވަޑައިގެން ހިތްވަރު ދެއްވި އެވެ.
ރާއްޖެ އާއި ލަންކާ ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ލަންކާގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގަ އެވެ. ދެ ވަނަ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.
މިއީ ލަންކާ އިން ވޯލްޑްކަޕް ކޮލިފައިނަށް ތައްޔާރުވުމުގެ ގޮތުން ރޭވި މެޗުތަކެކެވެ. އެ ގައުމުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ކޮލިފައިންއަށް ތައްޔާރުވުމަށް ހަތަރު ގައުމުގެ މެދުގައި ސުޕަ ކަޕް ކުޅުމަށެވެ. ނަމަވެސް ފަހުން އެ އަދަދު ތިނަކަށް ބަދަލުކުރި އެވެ. އެންމެ ފަހުން ރާއްޖެ އާއި ލަންކާ އެކަނި މެޗުތަކެއް ކުޅެން ޖެހުނީ ފަހު ވަގުތު ބޫޓާނަށް ލަންކާއަށް ނާދެވޭ ގޮތް ވުމުންނެވެ.
ރާއްޖޭގެ ޓީމު ލަންކާ އަށް ފުރައިގެން ދިޔައީ ހަ ދުވަހުގެ ޕްރެކްޓިސްތަކަށް ފަހު އެވެ. ލަންކާގައި ކުޅޭ މެޗްތަކަށް މި މެޗަށް ގައުމީ ޓީމު ނިކުންނަ އިރު ޓީމުގެ ކޯޗަކީ މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. އެސިސްޓަންޓް ކޯޗުންނަކީ އަޙްމަދު ޝާކިރު (ޝާކިއްޓެ) އާއި އަޙްމަދު ސުޒެއިރު (ކޮއްކޮ) އެވެ.