ރައްޓެހިވެގެން އުޅޭ އިންޑިއާގެ މަޝްހޫރު ތެލެގޫ ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަނާ އެކީގައި ކުޅޭ ތިން ވަނަ ފިލްމުުގެ މަސައްކަތް ފަށައިފި އެވެ.
މީޑިއާތަކުން ބުނީ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ރަސްމީކޮށް ހާމަނުކޮށް އޭގެ ޝޫޓިން ފެށީ މިދިޔަ ހޯމަ ދުވަހު ހައިދަރުއާބާދުގައި ކަމަށެވެ. އެކަމަކު މީގެ ޑައިރެކްޓަރަކީ ރާހުލް ސަންކްރިތިއާން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
އޭނަ ކުރިން ވެސް ވިޖޭއާ އެކު ފިލްމެއް ހަދާފައިވެ އެވެ. އެއީ 2018 ގެ "ޓެކްސީވާލާ" އެވެ. ރާހުލް ޑައިރެކްޝަނަށް ނުކުތީ 2014 ގެ ބިރުވެރި ފިލްމު "ދި އެންޑް" އިންނެވެ.
ވިޖޭ އާއި ރަޝްމިކާ އެކީގައި ކުރިން ކުޅުނު ދެ ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2018 ގެ ތެލެގޫ ފިލްމު "ގީތާ ގޯވިންދަމް" އާއި ފިނި ތަރުހީބެއް ލިބުނު 2019 ގެ "ޑިއާ ކޮމްރޭޑް" އެވެ.
"ޕުޝްޕާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ރަޝްމިކާ އަކީ މިހާރު ބޮލީވުޑްގައި ވެސް ކުރިއަރަމުން އަންނަ ބަތަލާއެކެވެ. އޭނަގެ ދެ ހިންދީ ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްވެފައިވެ އެވެ. އެއީ ވިކީ ކޯޝަލްއާ އެކު ކުޅުނު "ޗާވާ" އާއި ސަލްމާން ޚާނާ އެކު ކުޅުނު "ސިކަންދަރު" އެވެ. ރަޝްމިކާ ދެން އެންމެ އަވަހަށް ފެންނާނެ ހިންދީ ފިލްމަކީ ނޮވެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އަޔޫޝްމަން ކްރާނާގެ "ތާމާ" އެވެ.
އުމުރުން މިހާރު 29 އަހަރުގެ ބަތަލާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ބޮލީވުޑްގެ ފިލްމު "ކޮކްޓެއިލް 2" އާއި ތެލެގޫ ފިލްމު "ގާލްފްރެންޑް" ހިމެނެ އެވެ.
ވިޖޭ، 36، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖުލައިގައި ރިލީޒްކުރި ތެލެގޫ ފިލްމު "ކިންގްޑަމް" އެވެ. އޭނަ ވެސް ބޮލީވުޑްގެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2022 ގެ "ލައިގާ" އެވެ.