ހުޅުމީދޫގައި މިހާރު ކުރިއަށްދާ "އެޗްއެމް ވިމެންސް ފުޓްސަލް" މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ދޮންދީނި ޓީމް ސެމީ ކަށަވަރުކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅެން ހަމަޖެހިފައިވާ މެޗް ވިއްސާރަ ވުމުގެ ސަބަބުން ކުޅުނީ ރޭގައެވެ. ރޭ ދޮންދީނި ޓީމް އާއި އޯކިޑް ޓީމް ކުޅުނު މެޗް ނިމުނީ 3-1 ލަނޑުން ދޮންދީނި ޓީމް މޮޅުވެގެންނެވެ. ދޮންދީނި ޓީމަށް ލަނޑުޖަހާ ދިނީ ނިހާން އާއި ޒައިނާއެވެ. އޯކިޑް ޓީމްއިން ލަނޑު ޖެހީ ޝިމްނާއެވެ.
ރޭގެ މިނަތީޖާއިން އޯކިޑް ޓީމް ބަލިވި ނަމަވެސް އެޓީމް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.
ރޭގެ ދެވަނަ މެޗްގައި އެމްޑަބްލިއު ފުޓްސަލް ޓީމް އާއި ފުޓްސަލް ޑިވާސް ބައްދަލު ކުރި މެޗް 7-3 ލަނޑުން ކާމިޔާބް ކުރީ އެމްޑަބްލިއު ފުޓްސަލް ޓީމްއެވެ.
އެމްޑަބްލިއު ފުޓްސަލް ޓީމްގެ ލަނޑު ތައް ޖަހާދީފައިވަނީ އުރުޝިދާ (1 ލަނޑު) ، ޝަފްގާ (5 ލަނޑު) އަދި ޝާނީ (1 ލަނޑު)އެވެ. ފުޓްސަލް ޑިވާސްގެ ލަނޑު ޖެހީ ރިޝްފާ (1ލަނޑ)، ހާފިޔާ (2 ލަނޑު)އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ރޭ ނިމުނުއިރު ސެމީއަށް ގޮސްފައިވަނީ ފަރިޓީމް އާއި ދޮންދީނި އަދި އޯކިޑް ޓީމްގެ އިތުރުން އެމްޑަބްލިއު ފުޓްސަލް ޓީމްއެވެ.
ސެމީގެ މެޗްތައް މިއަދާއި މިރޭ މޫސުމް ގޯސް ނޫންނަމަ ކުޅޭނެއެވެ.
މި މުބާރާތަކީ ހުޅުދޫ މަޖްލިސް މެމްބަރު މުހައްމަދު ޝާހިދް، ދެ ރަށުގެ އަންހެނުންގެ ގުޅުން ގާއިމް ކުރުމަށާއި، ދުޅަހެޔޮ ސިއްހަތެެއްގައި އަންހެން ކަބަލުން ތިބުމަށް ހިއްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. ޝާޑް އަންނަނީ މި ދެރަށުގައި އަންހެން ފުޓްސަލް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް ވަނީ 8000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އަދި ފެއާޕްލޭ ޓީމަށް 3000 ރުފިޔާ ވަނީ ހުށަހެޅިފައެވެ.