މިދިޔަ ހަފުތާގެ ތެރޭގައި 1،359 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެ ކުންފުނިން އާންމުކުރި ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ 553 ކޮންޓެއިނަރާއި 40 ފޫޓުގެ 403 ކޮންޓެއިނަރު ހިމެނެ އެވެ.
އަދި ކްލިއާކުރި މުދާތަކަށް ބަލާއިރު، އެންމެ ގިނައިން ކްލިއާކޮށްފައި ވަނީ ބިހެވެ. އެގޮތުން 14،540 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާ އިރު، 11،617 ޕެކޭޖުގެ ފިޔާ، 5،415 ޕެކޭޖުގެ ކަރާ، 5،647 ޕެކޭޖުގެ އަލުވި، 3،672 ޕެކޭޖުގެ ޓޮމާޓޯ އަދި 1،819 ޕެކޭޖުގެ އަލަނާސި ވެސް ކްލިއާކޮށްފައިވެ އެވެ.
މީގެ އިތުރުން 2،157 ޕެކޭޖުގެ ކެބެޖާއި، 2،087 ޕެކޭޖުގެ ދޮންކޭލާއި، 806 ޕެކޭޖުގެ ބަރަބޯ އަދި 539 ޕެކޭޖުގެ ސްވީޓް މެލަންވެސް މިދިޔަ ހަފުތާގައި އެމްޕީއެލުން ކްލިއާކޮށްފައިވެ އެވެ.
އެމްޕީއެލުން ބުނި ގޮތުގައި މިދިޔަ ހަފުތާގައި ތިން ކޮންޓެއިނަރު އުޅަނދާއި ތިން ޖެނެރަލް ކާގޯ އުޅަނދު ހޭންޑަލްކޮށްފައިވެ އެވެ.