Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

އެސްޓީއޯ އަށް ސިޓީ ހޮޓާގެ ބަދަލުގައި ފޭސް ދޭކުން ބިމެއް

އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީކުރަން ފެށި ސިޓީ ހޮޓާ، ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނާ ހަވާލުކުރުމަށްޓަކައި އެ ތަނުގެ އަގެއްގެ ގޮތުގައި 20 މިލިއަން ޑޮލަރު ކަނޑައަޅައި، ބަދަލުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމެއް ދޭން ނިންމައިފި އެވެ.

ދެހާސް އެގާރައިގައި އެމެރިކާގެ ކާލްސަން ގުރޫޕާއެކު އެސްޓީއޯއިން މަސައްކަތް ފެށި އެ ހޮޓަލަކީ 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށް އެ ކުންފުނިން މަސައްކަތް ކުރި ހޮޓަލެކެވެ. ނަމަވެސް ވަކި ހިސާބަކުން އެ ހޮޓަލުގެ މަސައްކަތް ހުއްޓި، އެތަން ތަރައްގީ ނުކުރެވި މަޑުޖެހުމާ ގުޅިގެން އެ ހޮޓާ ވިއްކައިލުމަށް އެސްޓީއޯ އިން މަސައްކަތްކުރި އެވެ.

މިދިޔަ ސަރުކާރުގައި އެސްޓީއޯގެ އެ ހޮޓާ ވިއްކައިލުމުގެ މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް އެއްވެސް ބަޔަކާއެކު އެކަށީގެންވާ އެއްބަސްވުމަކަށް ނާދެވިގެން އެކަން މަޑުޖެހިފަ އެވެ.

އެހެންވެ އެސްޓީއޯ ހޮޓާ މަސައްކަތް ނުކުރެވުމުގެ ސަބަބުން އެ ކުންފުންޏަށް މާލީ ގެއްލުންތަކާ ކުރިމަތިވެފައި ވަނިކޮށް ހޮޓާ ދޫކޮށްލަން އެސްޓީއޯ އިން ފަހުން ނިންމި އެވެ.

އެ ނިންމުމާ ގުޅިގެން އެސްޓީއޯގެ ހޮޓާ އެޗްޑީސީއާ ހަވާލުކުރުމަށް ކުރެވުނު މަޝްވަރާތަކަށް ފަހު އެޗްޑީސީ އާއި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމެއްގައި މިދިޔަ މަހުގެ 31 ގައި "މެންހެޓަން ގްރޭންޑް ހޮޓެލް" ޕްރޮޖެކްޓްގެ ނަމުގައި ސޮއިކޮށްފައިވެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯ ހޮޓަލުގެ އަގަކީ 20 މިލިއަން ޑޮލަރުގެ ގޮތުގައި ކަނޑައަޅައި، އެ ހޮޓަލުގެ ބަދަލުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖެއްސުމަށް ނިންމާފައިވެ އެވެ.

ސަރުކާރުން ނިންމާފައި ވަނީ އެސްޓީއޯ ހޮޓަލުގައި މީޑިއާއަށް ހާއްސަކޮށް، މީޑިޔާ ވިލޭޖެއް ގާއިމުކޮށް މަސައްކަތްކުރާނެ ޖާގަ ނެތުން ފަދަ މައްސަލަތައް ކުރިމަތިވާ މީޑިޔާތަކަށް ބޭނުންވާ ޖާގަ ހެޔޮ އަގުގައި އެތަނުން ފޯރުކޮށްދީ، މީޑިޔާ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް އެތަނުގައި ގާއިމު ކުރުމަށެވެ.

އެގޮތުން އަހަރު ދުވަހުގެ ތެރޭގައި ދުވަހުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެންނަން އޮތީ އަމާޒު ހިފައިފަ އެވެ.