Last Updated: July 8, 14:17
Wednesday, July 8, 2026
ޚަބަރު

އައްޑޫގައި މަސްވެރިކަމުގެ ލޮޖިސްޓިކް ހަބެއް ހަދަނީ

އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ގައުމުގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ، އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ.

މި ފަހުމުނާމާގެ ދަށުން، މި މަޝްރޫއުގެ ތަފްސީލީ މާސްޓާ ޕްލޭނާއި، މާލީ އަދި އިގްތިސާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން، މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލްއާއި ފައިނޭންސް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަދި ސަރުކާރުގެ އަމާޒަކީ ދެކުނުގެ އިޤްތިޞާދު އާލާކޮށް، ގިނަ ފުރުޞަތުތަކެއް އުފެއްދުން ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.