ޕީރިއަޑް ޑްރާމާއެއްގެ ގޮތުގައި ހަދަން މީގެ ހަތް އަހަރު ކުރިން އިއުލާންކުރި ފިލްމު "ތަޚުތު: ހެދޭ ގޮތް ނުވުމުން ވަރަށް ބޮޑަށް ހިތް ހަލާކުވި ކަމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.
އޭނަގެ ފިލްމު ސްޓޫޑިއޯ، ދަރުމާ އިން ހިންދީ އޯޑިއަންސަށް މި މަހުގެ 12 ގައި ތެލެގޫ ފިލްމު "މިރާއީ" ގެނެސްދޭން ހަވާލުވެފައިވާތީ އެކަމަށް ހާއްސަކޮށްގެން މުމްބާއީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ކަރަން ބުނީ "ތަޚުތު" އަކީ އޭނަ ވަރަށް ގިނަ އުންމީދުތަކެއް ކުރި ފިލްމެއް ކަމަށެވެ.
ދެހާސް އެކާވީހުއި ސިނަމާތަކަށް ގެންނަން 2018 ގައި އިއުލާންކުރި އެ ފިލްމަކީ އިންޑިއާގެ ކުރިން އޮތް މުގާލް ރަސްކަމުގެ އާއިލާގެ ތެރޭގައި އޮތް ކޯޅުންގަނޑަކަށް ބިނާކޮށް ހަދަން އުޅުނު ފިލްމެކެވެ. ސުމިތު ރޯއިގެ ސްކްރީންޕްލޭއަކަށް ހަދަން އިއުލާންކުރި "ތަޙުތު" ގެ މައިގަނޑު ކާސްޓަށް ނެގީ ކަރީނާ ކަޕޫރާއި ވިކީ ކޯޝަލާއި އާލިއާ ބަޓާއި ރަންވީރު ސިންގް އާއި ޖާންވީ ކަޕޫރާއި އަނިލް ކަޕޫރްގެ އިތުރުން ބޫމީ ޕިޑްނޭކަރެވެ.
ކަރަން ބުނި ގޮތުގައި އެ ފިލްމުގެ މަސައްކަތް ހުއްޓާލަން ޖެހުނީ އެކި ކަހަލަ ވަރަށް ގިނަ ސަބަބުތައް ދިމާވެގެން ކަމަށެވެ.
"އެގޮތުން ކޮވިޑްގެ ބަލިމަޑުކަމާ ވެސް އެ ދަނޑިވަޅުގައި ކުރިމަތިވުން ކަހަލަ އެތައް ކަމެއް ހިމެނޭ." ކާމިޔާބު އަދި އެހާމެ ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުންޏެވެ.
ކަރަން ބުނި ގޮތުގައި "ތަޚުތު" އިއުލާންކުރީ އެއަށް ދެހަރާއި ބައިގެ ރިސާޗްތަކެއްކޮށް، ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ.
"އެވަރުގެ މަސައްކަތްތަކެއް ކުރެވިފައި ވަނިކޮށް އެ ޕްރޮޖެކްޓް ހުއްޓާލަން ޖެހުމަކީ ހަމަ ހަގީގަތުގައި ވެސް ހިތް ހަލާކުވި ކަމެއް." އޭނަ ބުންޏެވެ.
ދެހާސް ތޭވީހުގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެނެސްދިން ކަރަން ބުނީ "ތަޚުތު" ހުއްޓާލަން ޖެހުމަކީ ފަހަރުގައި ރަނގަޅަކަށް ވެސް ވެދާނެ ކަމަށެވެ. އަދި ކޮންމެ ކަމަކަށް ވެސް ރަނގަޅު ވަގުތަކާއި ދަނޑިވަޅެއް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.
"ފަހަރުގައި ވެދާނެ ތަޚުތުގެ ހެދުމުގެ ނަސީބު ލިބުނީ އަހަންނާ ވަރަށް ބީރައްޓެހި ޖޯންރާގެ އެއްޗަކަށްވެފައި އެ ވަރުގެ ފިލްމެއް ހަދަން އަހަރެން ތައްޔާރު ނޫނީ ކަމަށް ވެސް،" ކަރަން ބުންޏެވެ. "ބާހްބަލީ އާއި އާއި މިރާއީ ކަހަލަ ފިލްމުތައް ބަލާލީމަ އަހަންނަށް އިހުސާސް ކުރެވެނީ ފިލްމު ހަދާ މީހެއްގެ ހައިސިއްޔަތުން އަހަންނަކީ އަދިވެސް ދަރިވަރެކޭ. ދަސްކުރަން ޖެހޭ އެއްޗެހި އަދިވެސް ވަރަށް ބައިވަރު އެބަހުއްޓޭ."
"ތަޚުތު" ގެ ހަނދާން ކަރަން އާކުރި ނަމަވެސް އެ ފިލްމު ހެދުމުގެ އެއްވެސް ޕްލޭނެއް މިހާރު އޮތްކަމުގެ އެއްވެސް އިޝާރާތެއް ނުދެ އެވެ.
އެކަމަކު އަންނަ އަހަރު އޭނަ ފިލްމެއް ޑައިރެކްޓްކުރާނެ އެވެ. އެ ވާނީ ޑައިރެކްޓްކުރާ 8 ވަނަ ފިލްމަށެވެ.
ކަރަން ޑައިރެކްޓްކުރި ފުރަތަމަ ފިލްމަކީ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އެވެ. އޭގެ ފަހުން އޭނަ ގެނެސްދިން ފިލްމުތަކަކީ 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އާއި 2005 ގެ "ކަބީ އަލްވިދާ ނާ ކެހެނާ" އާއި 2010 ގެ "މައި ނޭމް އިޒް ޚާން" އާއި 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" ގެ އިތުރުން 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.
އަށް ވަނަ ޑައިރެކްޝަނާ ބެހޭ އެއްވެސް ތަފުސީލެއް ކަރަން އަދި ހާމައެއް ނުކުރެ އެވެ.