އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ބިލިއަނަރު، ޖޯޖިއޯ އަރްމާނީ މިއަދު މަރުވެއްޖެ އެވެ.
އަރްމާނީ ގްރޫޕުން ބުނީ އުމުރުން 91 އަހަރުގައި އަރްމާނީ މަރުވީ އޭނާގެ އަމިއްލަ ގޭގައި ކަމަށާއި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް ކުންފުނީގެ މަސައްކަތްތަކުގައި އަރްމާނީ އުޅުއްވި ކަމަށެވެ. އަރްމާނީ މަރުވީ ކޮން ބައްޔެއްގައި ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.
ސިއްހީ ހާލަތު ހުރިގޮތުގެ ސަބަބުން މިދިޔަ ޖޫން މަހު އަރްމާނީ ގްރޫޕުން މިލާންގައި ބޭއްވި "ފެޝަން ވީކް"ގައި ވެސް އަރްމާނީ ބައިވެރިވެފައެއް ނުވެ އެވެ.
އަރްމާނީ ކުންފުނި ފެށިގެން އައީ ފެޝަން ކުންފުންޏެއްގެ ގޮތުގައި ނަމަވެސް ފަހުން އެ ކުންފުނީގެ ވިޔަފާރިތައް ވަނީ މިއުޒިކް އާއި ކުޅިވަރު އަދި ލަގްޒަރީ ހޮޓެލްތަކަށް ވެސް ފުޅާކޮށްފަ އެވެ. އަރްމާނީ ކުންފުންޏަށް އަހަރެއްގެ މައްޗަށް 2 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބެ އެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފެޝަން ޑިޒައިނަރުންގެ ތެރޭގައި ހިމެނޭ އަރްމާނީގެ މިލްކިއްޔާތު 9 ބިލިއަން ޑޮލަރަށް އަރަ އެވެ.