ނޭޕާލްގައި ރަޖިސްޓްރީ ނުކޮށް ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކްކުރަން ނިންމައިފި އެވެ.
ނޭޕާލްގެ ސަރުކާރުން ބުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އެގައުމުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކުރަން އެންގީ ފޭކު އައިޑީތައް ބޭނުންކޮށްގެން ނަފްރަތު އުފެއްދުމާއި ސައިބާ ކްރައިމްގެ ކުށްތަކަށް އަރައިގަތުމުގެ އަމަލުތަކާއި މުޖުތަމައުގެ ތެރޭގައި އޮންނަ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.
އެގޮތުން ސޯޝަލް މީޑިއާ ކުންފުނިތަކަށް ރަޖިސްޓްރީވާން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ފުރުސަތު ވަނީ ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ ކުންފުނިތަކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް އެގައުމުގައި ބްލޮކް ކުރަން ނޭޕާލްގެ ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފަ އެވެ.
ނޭޕާލްގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ރޮއިޓާސް"އާ ވާހަކަދައްކަމުން ވިދާޅުވީ ރަޖިސްޓްރީކުރަން ދިން މުއްދަތުގައި ޓިކްޓޮކް އާއި ވައިބާ ފަދަ ތަންތަނުން އެކަން ފުރިހަމަކޮށްފައިވާ ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރާ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ފޭސްބުކް، ވަޓްސްއެޕް އަދި އިންސްޓަގްރާމް ހިންގާ މެޓާ އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ނޭޕާލްގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށް ބުނެފަ އެވެ. ނޭޕާލްގެ 90 ޕަސެންޓް މީހުން އިންޓަނެޓާއި ސޯޝަލް މީޑިއާ ބޭނުންކުރެ އެވެ.