Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

ކާތިކާއި އަނަންޔާގެ ދެވަނަ މަސައްކަތް ނިންމާލައިފި

ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭ އެކީގައި ކުޅުނު ދެވަނަ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ޝޫޓިން ނިންމާލައިފި އެވެ.

މެއި މަހުގެ ތެރޭގައި ޝޫޓިން ފެށި މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން ރޭ ނިންމާލައި، ފިލްމުގެ ޓީމު އުފާ ފާޅުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. ޝޫޓިން ނިންމައިލީ ފިލްމުގެ މަސައްކަތް ފެށިތާ 75 ދުވަހުގެ ތެރޭގަ އެވެ.

"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ މަންޒަރުތައް އިންޑިއާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެސް ނަގާފައިވާ އިރު، މީގެ ޑައިރެކްޓަރަކީ ސަަމީރު ވިދްވަންސް އެވެ. އޭނަ އަކީ ބެލުންތެރުންގެ ބޮޑު ތަރުހީބެއް ލިބުނު ކާތިކާއި ކިއާރާ އަދުވާނީގެ 2023 ގެ "ސަތިއަޕްރޭމް ކީ ކަތާ" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ 2019 ގެ "ޕަތީ ޕަތުނީ އޯރް ވޯ" އަށް ފަހު، ކާތިކާއި އަނަންޔާ އެކީގައި ކުޅުނު ފުރަަތަމަ ފިލްމެވެ. އެ ފިލްމުން މި ދެ ތަރިންގެ ޖޯޑު ގިނަ ބަޔަކު ބަލައިގެންފައިވާ އިރު، ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ހިތްގައިމު ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެވެ. އަދި މިއީ ސްޓޫއޯގެ ފިލްމަކުން ކާތިކް ފެންނާނެ ފުރަތަމަ ފަހަރެވެ.

"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީ 13 ގަ އެވެ.