ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ގެ ޝޫޓިން ޝެޑިއުލްއެއް ޕޮލެންޑްގައި ފަށައިފި އެވެ.
މި ފިލްމުގެ ކާސްޓްގައި ހިމެނޭ ބައެެއް ތަރިން އެ ގައުމުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ އިރު، ސެޓުން ލީކްވެފައިވާ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓޯމްތަކުގައި ވެސް އަންނަނީ ދައުރުވަމުންނެވެ.
KING from the Set of KING 👑
Third 1000cr+ loading for #ShahRukhKhan𓀠 pic.twitter.com/t4SZ0uY5ck— Аffап Pатнаап (@Affantweetts) September 4, 2025
"ކިންގް" އަކީ ޝާހްރުކްގެ 2023 ގެ "ޕަތާން" އަށް ފަހު، އެ ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދު ބޮޑު ކާސްޓަކާ އެކު ހަދާ ފިލްމެކެވެ. މީގެ މައިގަނޑު އެއް ރޯލު ކުޅެނީ ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާނެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަބީޝެކް ބައްޗަން، ދީޕިކާ ޕަދްކޯން، އަނިލް ކަޕޫރް، ރާނީ މުކަރްޖީ، އަރުޝަދު ވަރްސީ، ރާގަވް ޖުޔާލް، ޖެކީ ޝްރޮފް، ސޯރަބް ޝުކްލާ އަދި ޒުވާން އެކްޓަރު އަބޭ ވަރުމާ ހިމެނެ އެވެ.
އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ކިންގް" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ސިދާތުގެ ކުންފުނި، މާފްލިކްސް ޕިކްޗާސް ގުޅިގެން ހަދާ ފިލްމެކެވެ. މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ފިލްމުގެ ޓީމުން ރަސްމީކޮށް ހިއްސާ ނުކުރާތީ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް ވެސް އަދި ކަށަވަރެއް ނުވެ އެެވެ.
އެކަމަކު ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ކިންގް" ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ހިސާބުގަ އެވެ.
ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ ޑިސެމްބަރުގައި ރިލީޒްކުރި "ޑަންކީ" އެވެ. އެ އަހަރު އޭނަގެ ތިން ފިލްމެއް ރިލީޒްވި އެވެ. އެއީ "ޕަތާން" އާއި "ޑަންކީ" ގެ އިތުރުން "ޖަވާން" އެވެ.
މީގެ ތެރެއިން "ޖަވާން" ގައި ކުޅުނު ރޯލުން ޝާހްރުކަށް މި އަހަރު ވަނީ އަލަށް ނެޝަނަލް އެވޯޑް ވެސް ކަށަވަރުވެފަ އެވެ.