Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ނިދުމުން ޝައިޠާނާ ޖަހާ 3 ގޮށް މޮހެވޭނީ ކިހިނެއް؟

އެނގިލައްވާތޯ އެވެ؟ މީހަކު ނިދުމުން އޭނަގެ ފުށްކިބައިގައި ޝައިޠާނާ 3 ގޮށް ޖަހާނެ ކަމަށް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެ އެވެ. އަދި އެ 3 ގޮށް މޮހެވޭނެ ގޮތް ވެސް އެކަލޭގެފާނު ބަޔާންކޮށް ދެއްވި އެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ.

“ތިޔަބައިމީހުން ކުރެ މީހަކު ނިދުމުން ޝައިޠާނާ އެމީހެއްގެ ފުށްކިބައިގައި ތިން ގޮށް ޖަހާނެއެވެ. އަދި ކޮންމެ ގޮށެއްގައި ޖަހާފައި ބުނާނެއެވެ. ތިބާގެ ކުރިމަތީގައި ތިޔަވަނީ ދިގު ރެއެކެވެ. ފަހެ އޮށޯންނާށެވެ. ދެން އެމީހަކު ހޭލާފައި ﷲ ގެ ޛިކުރުކޮށްފި ނަމަ ގޮށެއް މޮހެވިގެން ދާނެ އެވެ. ދެން ވުޟޫކޮށްފިނަމަ ގޮށެއް މޮހެވިގެންދާނެއެވެ. އެއަށްފަހު ނަމާދުކޮށްފި ނަމަ ގޮށެއް މުހެވިގެންދާނެއެވެ. އޭރުން ހެނދުނުވާއިރު އެމީހެއްގެ ނަފްސު ހުންނާނީ ޙަރަކާތްތެރި ޙާލު، ހެޔޮކަމުގެ މަތީގަ އެވެ. ނޫން ނަމަ ވާހުށީ ނުބައިކަމުގެ މަތީގައި ކަންނެތް ޙާލުގަ އެވެ.” (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)

އެހެން ކަމުން ނިދާ ހޭލައިގެން ކުރާ ޛިކުރުތަކަށް ސަމާލުކަން ދޭށެވެ. އަދި އެއަށް ފަހު ވުޟޫކޮށް ނަމާދު ކުރުމަށް އަވަސްވެގަންނާށެވެ. އޭރުން މުރާލިކަމާއި ހިވާގިކަން ހަށިގަނޑަށް އަންނާނެ އެވެ. ކަންނެތްކަމާއި ނުބައިކަމުން ދުރުވާނެ އެވެ.

ނިދިން ހޭލެވުމަށް ފަހު ކުރުމަށް ސުންނަތުގައި ވާރިދުވެފައިވާ ބައެއް ދުޢާތައް:

(1) الحَمْدُ لِلهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ (رواه البخاري ومسلم)

މާނަ: ”އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ އަޅަމެން މަރުވުމަށްފަހު ދިރުންދެއްވި ރަސްކަލާނގެއެވެ. އަދި (ކައްވަޅުތަކުން) ތެދުވެގެން ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.”

(2) لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، سُبْحَانَ اللهِ وَالْحَمْدُ لِلهِ ، وَلَا إِلَهَ إِلَّا اللهُ وَاللهُ أَكْـبَرُ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ رَبِّ اغْفِرْ لِي (رواه البخاري)

މާނައީ: ”ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ޝަރީކަކުނުވާ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެންމެހާ ވެރިކަމެއްވަނީ އެކަލާނގެއަށެވެ. އަދި އެންމެހައި ޙަމްދު ތަޢުރީފެއްވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲ ހުރިހާ ޢައިބަކުން ހުސްޠާހިރުވެވޮޑިގެންވެއެވެ. އަދި އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އަދި ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑީ ﷲއެވެ. އަދި ހެޔޮކަމެއް ކުރުމުގެ އެއްވެސް ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ އެއްވެސްބާރެެއް މަތިވެރި ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. ދެން މިދު ޢާކުރާށެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ!”

(3) اَلْحَمْدُ لِلَّـهِ الَّذِيْ عَافَانِيْ فِيْ جَسَدِيْ، وَرَدَّ عَلَيَّ رُوْحِيْ، وَأَذِنَ لِيْ بِذِكْرِهِ (رواه الترمذي)

މާނައީ: “އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ މި އަޅާގެ ހަށިގަނޑަށް ފުރިހަމަ ޢާފިޔަތު ދެއްވައި އަދި މި އަޅާގެ ފުރާނަ އަލުން މި އަޅާއަށް ދެއްވައި އަދި އެކަލާނގެ އަށް ޒިކުރު ކުރުމުގެ ހުއްދަ މި އަޅާއަށް ދެއްވި ރަސްކަލާނގެ އެވެ.”

ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.