Last Updated: July 8, 13:11
Wednesday, July 8, 2026
ޚަބަރު

ޑަބްލިއުޑީސީގެ ބަޖެޓް ބޮޑުކުރަން ރައީސް ނިންމަވައިފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް (ޑަބްލިއުޑީސީ) ދެމުންދާ ބަޖެޓް ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، މި އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، ދެ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5 އިންސައްތަ ދެގުނަ ބޮޑުކޮށް، 10 އިންސައްތަ އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފަ އެވެ.

ލާމަރުކަޒީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ މަދުވެގެން 5 އިންސައްތަ އަންހެނުންގެ ކޮމިޓީތަކަށް ދޭން ޖެހެ އެވެ. އަދި ކައުންސިލްތަކަށް ހިލޭ އެހީ ލިބޭތާ ގިނަވެގެން 30 ދުވަހުގެ ތެރޭ ކޮމިޓީއާ ފައިސާ ހަވާލުކުރަން ޖެހެ އެވެ.

މި ފައިސާ އަންހެނުންގެ ކޮމިޓީތަކުން ބޭނުންކުރަން ވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކާއި ހިންގަން ޖެހޭ ޕްރޮގްރާމްތައް ހިންގުމަށް ގާނޫނުގައިވެ އެވެ. އަދި ކޮންމެ އަހަރަކު މި ފައިސާ ހަރަދު ކުރެވުނު ކަންތައްތަކާއި ފައިސާ ހަރަދުކުރި ގޮތުގެ ރިޕޯޓެއް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށްވެސް ގާނޫނުގައި ބުނެފައިވެ އެވެ.

ސަރުކާރުން ވަނީ މިއަހަރުގެ ކުރީކޮޅު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވެންސް ދިނުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ވެސް ގެނެސްފަ އެވެ.