Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ކަރަންޓު މައްސަލަ ހައްލުނުވާތީ ނިޒާރުގެ ނުރުހުން ފެނަކައަށް

ފޭދު އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު - ފޮޓޯ: މަޖިލިސް

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވާތީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

އައްޑޫ އިން ރޭ ދަންވަރު 2:30 ހާއިރު ކަރަންޓު ގޮސްފައިވާއިރު، ކަރަންޓު އަނބުރާ އައިސްފައިވަނީ ދެ ގަޑިއިރު ފަހުންނެވެ. ކަރަންޓު ކެނޑެން ދިމާވި ސަބަބެއް ފެނަކައިން ހާމަކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ނިޒާރު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ފެނަކައިގެ އިސްވެރިންނާއި އެކި ގޮތްގޮތަށް ވަރަށް ވާހަކަ ދެކެވިފައިވާ ކަމަށާއި އަދި ވަރަށް ގިނަ ތާރީހުތައް ފެނަކައިން ދިން ނަމަވެސް އެއްވެސް އަމަލީ ސިފައެއް އައިސްފައި ނުވާ ކަމަށެވެ. އަދި އައްޑޫ ރައްޔިތުން ކަރަންޓު ނެތި އަނދިރީގައި ތިބެން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވަނީ މިކަމަށް ފިޔަވަޅު އަޅައި ވަގުތުން މިކަން ހައްލުކޮށްދިނުމަށް ފެނަކަ އަށް ގޮވާލާފަ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.