އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ފިލްމު "ކަނބުލޮ" ގައި ކުޅުނު ރޯލު މޮޅުވެގެން އެކަމަށްޓަކައި ތައުރީފާއި ހިތްވަރު ދޭން ގުޅޭ މީހުންގެ ކޯލުތައް ގިނަކަމުން އޮބި ނޯންނަ ކަމަށް އެކްޓަރު އަހުމަދު ނިމާލު ބުނެފި އެވެ.
އާއިލާއެއްގެ ތެރެއިން ޖިންސީ ޝިކާރައަކަށްވާ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ފިލްމުގައި ތަޖުރިބާކާރު އެކްޓަރު ކުޅެފައި ވަނީ އަނިޔާވެރި، ވަރަށް ރަހުމު ކުޑަ ކެރެކްޓާއެކެވެ. މިކަހަލަ ރޯލެއް 2010 ގެ ފިލްމު "ނިއުމާ" ގައި ވެސް ނިމާލު ކުޅެފައިވެ އެވެ.
އޭނަ ފޭސްބުކް ޕޯސްޓެއްގައި ބުނި ގޮތުގައި "ކަނބުލޮ" ގައި ކުޅެފައިވާ ރައުފު ކެރެކްޓާވެގެން ގޮސްފައި ވަނީ ފިލްމެއްގައި މިހާތަނަށް ކުޅުނު ރޯލެއް މޮޅުވެގެން ބެލުންތެރިންގެ ކޯލުތައް މިހާތަނަށް އެންމެ ގިނައިން ލިބުނު ފުރަތަމަ ފިލްމަށެވެ.
"މި އުޅެނީ މާލެ އާއި ރާއްޖެ ތެރެއިން އަންނަ މެސެޖްތަކާއި މީހުން ގުޅާ ވަރުން އޮބިނޯވެގެން." ފޭސްބުކް ޕޯސްޓެއްގައި ނިމާލު ބުންޏެވެ.
ޕޯސްޓްގައި އޭނަ ވަނީ އެކަމަށްޓަކައި ފޭނުންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. ނިމާލު ބުނި ގޮތުގައި ބެލުންތެރިންގެ އެހާ ބޮޑު ތަރުހީބެއް "ކަނބުލޮ" އަށް ލިބެމުން އަންނަނީ ފިލްމުގެ މުޅި ޓީމުން ކޮށްފައި އޮތް މަސައްކަތް ރަނގަޅުކަމުންނެވެ.
މިދިޔަ މަހުގެ 31 ގައި މި ފިލްމު ޕްރީމިއާ ކުރުމުގެ ކުރިންނާއި އޭގެ ފަހުން ވެސް ނިމާލު އެތައް ފަހަރެއްގެ މަތިން ފިލްމަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ހިއްސާކޮށްފައިވެ އެވެ.
ހުސައިން މުނައްވަރު (ކިޑް) ޑައިރެޓްކުރި "ކަނބުލޮ" ގެ މައިގަނޑު ކާސްޓުންނަކީ މަރިިޔަމް އައްޒަ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) އާއި ޝީލާ ނަޖީބާއި މަރިޔަމް ޝަކީލާގެ އިތުރުން ނިމާލެވެ.
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް މި ފިލްމު ހަދާފައި ވަނީ 2009 ގެ ގައުމީ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއް ވަނަ ހޯދި ވާހަކަ "ޔުކްތާ" އަށް ބިނާކޮށެވެ.