އިންޑިއާގެ ޒުވާނަކު ޗެލެންޖެއްގެ ގޮތުގައި ދުނިޔޭގައި ބުރު ޖަހަން ބޭނުން ކުރަމުން އައި ސައިކަލް ވަގަށް ނެގުމާ ގުޅިގެން ހެޔޮއެދޭ އެކި ފަރާތްތަކުން އޭނަ އަށް އެހީވާން ހުށަހަޅަމުން އަންނަ ކަމަށް ބުނެފި އެވެ.
ޔޮގޭޝް އަލެކާރީ، 33، ގެ ސައިކަލް ވަގަށް ނެގީ ޔޫރަޕްގެ ގައުމުތަކަށް ސައިކަލުގައި ބުރު ޖަހަން ފެށި ދަތުރުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގެ ނޮޓިންހަމްގެ ވޮލަންޓަން ޕާކްގައި ސައިކަލް ޕާކްކޮށްފައި ހުއްޓަ އެވެ.
ބަޔަކު އެ ވަގަށް ގެންދިޔައީ ދަތުރަށް ޔޮގޭޝް ގެންގުޅުނު ހުރިހާ ތަކެއްޗާ ވެސް އެކީގަ އެވެ. ސައިކަލާ އެކު ގެއްލުނު ތަކެތީގެ އަގު 15،000 ޕައުންޑަށް އަރާނެ ކަމަށް ޔޮގޭޝް ބުންޏެވެ.
ސައިކަލް ގެއްލުނު ވާހަކަ އޭނަ ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމާ ގުޅިގެން އެކި ގައުމުތަކުން އެހީވާން މީހުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި އަމިއްލަ ގައުމު އިންޑިއާގެ އިތުރުން ސައިކަލު ގެއްލުނު އިނގިރޭސިވިލާތުގެ މީހުން ވެސް ހިމެނެ އެވެ. ޔޮގޭޝް އަށް އެހީވާން އިނގިރޭސިވިލާތުން ހުށަހެޅި ފަރާތްތަކުގެ ތެރޭގައި އެޕަލް ޓީވީ ޕްލަސް އިން ގެނެސްދިން މަޝްހޫރު އެކްޓަރު އިވާން މެކްގްރާގެ ސީރީޒް "ލޯންގް ވޭ ހޯމް" ގެނެސްދިން ޕްރޮޑަކްޝަން ހައުސް ވެސް ހިމެނެ އެވެ.
ޔޮގޭޝް އަށް ސައިކަލު ފޯރުކޮށް ދިނުމުގެ އިތުރަށް އަންނައުނާއި އޭނަގެ ދަިރަށް ބޭނުން ވާނެ އަސާސީ ވަރަށް ގިނަ ތަކެތި ވެސް ދޭން ގިނަ ބަޔަކު މިހާތަނަށް އޭނަ އަށް ހުށަހަޅާފައިވެ އެވެ.
މިކަމާ ގުޅިގެން ޔޮގޭޝް ބުނީ މިކަމުން ދައްކުވައި ދެނީ އިންސާނިއްޔަތުކަން އޮތްކަން ކަމަށެވެ.
"އެހީވާން ހުށަހެޅި ހުރިހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ވެސް އަދާކުރަން." މިހާތަނަށް 50 އާ ގާތްކުރާ އަދަދެއްގެ ގައުމުތަކުގައި ބުރު ޖަހާފައިވާ ޔޮގޭޝް ބުންޏެވެ.
އޭނަ ސައިކަލް ގެއްލުނު މައްސަލަ ނޮޓިންހަމްޝަޔާގެ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ފުލުހުން ބުނި ގޮތުގައި ސައިކަލް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޔޮގޭޝް ބުނި ގޮތުގައި އޭނަ އަށް ސައިކަލް ހަދިޔާ ކުރަން ހުށަހެޅި ފުރުސަތުގެ ބޭނުން ހިފަނީ ސައިކަލް ހޯދަން ކުރި މަސައްކަތް ކާމިޔާނުވި ކަމަށް ފުލުހުން އެންގުމުން ކަމަށެވެ.
"އެ ސައިކަލަކީ އަހަރެންގެ ހިތާ ވަރަށް ގާތް އެއްޗެއް." އޭނަ ބުންޏެވެ.