ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގެ މަސައްކަތަކީ ހަމައެކަނި އިހުތިޔާރެއް ނޫން ކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާއި އާންމުންގެ ވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އެ ބިލާ ގުޅޭ ގޮތުން ސިނާން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މީޑިއާ އަށް އެކަށީގެންވާ ގާނޫނެއް ނެތުމަކީ ދޮގު މައުލޫމާތު ފެތުރުމާއި، އަބުރު ގެއްލުމާއި، މުޖުތަމައުތައް ފަޅާލައި، ޑިމޮކްރަސީ ގެއްލޭނެ ކަމެއް ކަމަށެވެ.
"މީޑިއާ ބިލަކީ އަޑު ކަނޑުވާލުމުގެ ބިލެއް ނޫން. އެ ބިލުގެ މަގްސަދަކީ ރައްޔިތުންގެ ހިމާޔަތާއި މުއައްސަސާތައް ހަރުދަނާކޮށް، ރާއްޖޭގެ ނޫސްވެރިކަމަކީ ހަގީގަތް ހާމަކޮށްގެން ރައްޔިތުންނަށް ތެދު މައުލޫމާތު ލިބޭނެކަން ކަށަވަރު ކުރުން،" ސިނާނު ވިދާޅުވި އެވެ. "މީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ހަމައެކަނި އިޚްތިޔާރެއް ނޫން. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް."
މީޑިއާއަށް އެކަށީގެންވާ ގާނޫނެއް ނެތި ދޮގު މައުލޫމާތު ފެތުރުމާއި، އަބުރު ގެއްލުމާއި، މުޖުތަމައުތައް ފަޅާލައި، ޑިމޮކްރަސީ ގެއްލޭނެ ކަމެކެވެ. މީޑިއާ ބިލަކީ އަޑު ކަނޑުވާލުމުގެ ބިލެއް ނޫން – އެ ބިލުގެ މަގްސަދަކީ ރައްޔިތުންގެ ހިމާޔަތާއި މުއައްސަސާތައް ހަރުދަނާކޮށް، ރާއްޖޭގެ… https://t.co/NfwXU7rH1u
— Mohamed Sinan (@deepsinaa) September 4, 2025
މީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ހަމައެކަނި އިޚްތިޔާރެއް ނޫން – އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް.
އޭނަ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ މުސްތަގުބަލާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ވެސް އެ ބިލު ފާސްކުރަން ޖެހޭ ކަމަށެވެ.
"އަދި ރާއްޖޭގެ ނޫސްވެރިކަމުގެ ނަޒާހަތްތެރިކަމަށްޓަކައި، މި ބިލު ފާސް ކުރަން ޖެހޭ."
މީޑިއާ ބިލް ބޭރުކޮށް ދޭން އެދި 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.