Last Updated: April 30, 12:06
Tuesday, April 30, 2024
ޚަބަރު

ރަށުގައި ނެތަސް ކުރަމުން މިގެންދަނީ ތިޔަ ލޮބުވެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް: އައިބީ

ފެންބޮޑުވުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ގެތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ރައްޔިތުންނާއި އެކު ރަށުގައި މިވަގުތު ނެތަސް މާލޭގައި ހުންނަވައިގެން ވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އައިބީ ވިދާޅުވި ގޮތުގައި ފޭދޫގެ ރައްޔިތުންނަށް ލިބޭ ކޮންމެ ދެރައަކީ އެބޭފުޅާއަށް ވެސް ލިބޭ ދެރައެއް ކަމަށާއި، އައްޑޫއަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި ހަމައަށް ވެސް، ގެންގޮސްފައިވާ ކަމަށެވެ.

އަމިއްލަ ގެކޮޅަށް ވެސް ފެނުގެ އަސަރުކުރުމުގެ ސަބަބުން ގެއްލުންތަކެއް ވެފައިވާ ކަމަށާއި، ރަށަށް ނުގޮސް މާލޭގައި މިވަގުތު ހުންނެވީ، ސަރުކާރުގެ އިދާރާތަކަށް "ދުވެގެން" ވެސް އައްޑޫ އަށް މިހާރުން މިހާރަށް ބޭނުންވާ ކަންތައް ފުރިހަމަ ކުރުމަށް ބާރު އެޅުމަށް ކަމަށް ވެސް އައިބީ ވިދާޅުވިއެވެ. އެގޮތުން، ފޭދޫގެ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އައިބީ ވިދާޅުވިއެވެ.

"އަޅުގަނޑު މިވަގުތު ރަށުގައި ހުރި ނަމަ ދެކޮޅަށް ދުވަން ހުންނަން ޖެހޭނީ. މާލޭގައި ހުރެ މިކުރާ މަސައްކަތަކީ، ރައްޔިތުންނަށް ބޭނުންވާ ކަންތައް ކުރުމަށް މަގުފަހި ކުރުން"

އައިބީ ވިދާޅުވި ގޮތުގައި، ފެން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ފެން ޕަންޕުތަކެއް އައްޑޫއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އައިބީ ވަނީ، އައްޑޫގައި ފެންބޮޑުވުމުގެ މައްސަލަ އާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.